Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ދަނގެތީ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

އދ. ދަނގެތީގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ ބިންގާ މިއަދު އެޅީ ރައީސް މުހައްމަދު މުއިއްޒު މިއަދު އދ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ރަށަކަށް ދަނގެއްޗަށް ވަޑައިގެން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޕޮލިސް ބިންގާ އަޅުއްވައި ދެއްވީ، ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން އާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރްޑީސީ) މެނޭޖިން ޑިރެކްޓަރުގެ އިބްރާހީމް ނަޘީމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ރަޝީދު އާއި ދަނގެތީ ކައުންސިލްގެ ރައީސް މުޢާވިޔަތު ރަޝީދެވެ.

މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.