Last Updated: June 8, 19:18
Monday, June 8, 2026
ދުނިޔެ

އެމެރިކާގެ ކުރީގެ އެންމެ ބޮޑު ފާމަސީ ވިޔަފާރި ހުއްޓާލައިފި

ކުރިން އެމެރިކާގެ އެންމެ ބޮޑު ފާމަސީ ޗެއިން ކަމަށްވާ "ރައިޓް އެއިޑް" އަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ހެދި އެ ކުންފުނީގެ ވިޔަފާރި އެއްކޮށް ހުއްޓާލައިފި އެވެ.

ބަނގުރޫޓްވެފައިވާކަން ވެސް މިދިޔަ މަހުގެ ތެރޭގައި އިއުލާންކޮށްފައިވާ ކުންފުނިން ނެރުނު ބަޔާނެއްގައި ކުންފުނީގެ ވިޔަފާރި އެއްކޮށް ހުއްޓާލަން ނިންމި އިރު، ހިންގަމުން އައި 100 އެއްހާ ފާމަސީ މިދިޔަ ހުކުރު ދުވަހުގެ ނިޔަކަށް ބަންދުކޮށްފައިވާ ކަމަށެވެ.

މީގެ 63 އަހަރު ކުރިން 1962 ގައި ވުޖޫދަށް އައި "ރައިޓް އެއިޑް" އަކީ ކުންފުނީގެ ވިޔަފާރީގެ އެންމެ ރަންޒަމާނުގައި 5،000 އަށް ވުރެ ގިނަ ފާމަސީ ހިންގަމުން އައި ކުންފުންޏެކެވެ.

ކުންފުނި ހުއްޓާލި އިރު، މުވައްޒަފުންގެ އަދަދު 31،000 އަށް ވުރެ ގިނަ އެވެ.

"ރައިޓް އެއިޑް" އިން ބުނީ ވިޔަފާރި ހުއްޓާލާފައިވާތީ ކަސްޓަމަރުން އެ މީހުންގެ ރެކޯޑް ބޭނުންވާ ނަމަ އެކަމަށް އެދުމުން ރެކޯޑް ފޯރުކޮށް ދޭނެ ކަމަށެވެ.

މި ފަހުން އެމެރިކާގެ ބައެއް ފާމަސީ ޗެއިންތައް ވެސް އެކި ސަބަބުތަކާ ހެދި ބަންދުކޮށްފައިވެ އެވެ. އޭގެ ތެރޭގައި 1،0000 އަށް ވުރެ ގިނަ ފާމަސީތައް ހިންގަމުން އައި ސީވީއެސް އާއި 500 އަށް ވުރެ ގިނަ ފާމަސީ ހިންގަމުން އައި ވަލްގްރީންސް ހިމެނެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފާމަސީ ކުންފުނިތަކަށް ދިމާވަމުންދާ މައްސަލަތަކާ ހެދި ބަންދު ކުރަން ޖެހުމަކީ އެމެރިކާގެ އާންމު ރައްޔިތުންނަށް ބޭސް ހޯދުމުގައި ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ.