Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

އޭއީއެޗަށް މެޑިކަލް ޑިރެކްޓަރެއް ހޯދަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއިއެޗް) އަށް މެޑިކަލް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ މަގާމަށް ފަސް އަހަރުގެ މުއްދަތަކަށް މީހަކު ބޭނުންވާތީ އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މެޑިކަލް ޑިރެކްޓަރުގެ އަސާސީ މުސާރަ އަކީ މަހަކު 41،343ރ. އެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 23،678ރ. ލިބޭނެ އެވެ. މީގެ އިތުރުން ހާޒިރީ އިނާޔަތް ދެވޭ ކޮންމެ ދުވަހަކަށް 641ރ. އާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަނާއި
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ އެވެ.

މެޑިކަލް ޑިރެކްޓަރުގެ ޝަރުތަކުގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެ ކައުންސިލް ގަބޫލުކުރާ، މަގާމުގެ މަސައްކަތްތަކާ ގުޅުން ހުރި، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށްވުރެ ދަށް ނޫން، ސްޕެޝަލިޓީ މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި މަދުވެގެން 10 އަހަރު މެޑިސިން ޕްރެކްޓިސްކޮށްފައިވުމުގެ އިތުރަށް ޞިއްޙީ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހު ހިންގުމުގެ މަސްއޫލިއްޔަތު އެކުލެވޭ ޒިންމާއެއް އަދާކޮށްފައިވުން ހިމެނެ އެވެ.

އޭއީއެޗުން ބުނީ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ މި މަހުގެ 26 އާއި އަންނަ މަހުގެ 6 އާ ދެމެދު ކަމަށެވެ. އިންޓަވިއު އަށް ކިޔާނީ މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބި ޝޯޓްލިސްޓްކުރާ މީހުންނެވެ.