ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ދެން ހަދަން ނިންމާފައިވާ ފިލްމުގެ ބަތަލަކަށް ނަގާނީ ވިކީ ކޯޝަލް ނުވަތަ ރަންބީރް ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކާމިޔާބު ޑައިރެކްޓަރު ކުރިން އިއުލާންކޮށްފައިވާ ގޮތުގައި އޭނަ ދެން ހަދަން ނިންމާފައި އޮތީ ރޮމޭންޓިކް އެކްޝަން ފިލްމެކެވެ. އެގޮތުން ޑައިރެކްޓްކުރާ 8 ވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް މިދިޔަ އޮގަސްޓް މަހު ހިއްސާކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ވެސް ބުނެފައިވެ އެވެ.
ނަމަވެސް އާ ފިލްމުގެ ކާސްޓާއި އެއާ ބެހޭ އިތުރު އެއްވެސް ވާހަކައެއް ކަރަން މިހާތަނަށް ނުދައްކަ އެވެ. އެކަމަކު ރިޕޯޓްތައް މިހާރު ބުނާ ގޮތުން އާ ފިލްމަށް އޭނަ ނަގާނީ ވިކީ އާއި ރަންބީރް ކުރެ ކޮންމެވެސް އެކެކެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ދެ ތަރިން އެކުގައި މިހާރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގައި މަސައްކަތް ކުރަމުން އަންނަކަމެވެ.
ރަންބީރް ކުރިން ކަރަންގެ ފީޗާއެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2016 ގެ "އެ ދިލް ހެ މުޝްކިލް" އެވެ. ވިކީ ކުރިން މަސައްކަތްކޮށްފައި ވަނީ ކަރަން ހިއްސާވި އެންތޮލޮޖީއެއްގަ އެވެ. އެގޮތުން ނެޓްފްލިކްސް އަށް 2018 ގައި ގެނެސްދިން "ލަސްޓް ސްޓޯރީސް" ގައި ހިމެނޭ ކަރަންގެ ސެގްމަންޓްގެ ބަތަލަކީ ވިކީ އެވެ.
އަދި ކަރަން ޑައިރެކްޓްކުރަން 2018 ގައި އިއުލާންކުރި ތާރީހީ ބޮޑު ފިލްމު "ތަޙުތު" ގެ ކާސްޓްގައި ވެސް ވިކީ ހިމެނުނެވެ. އެކަމަކު އެއީ ފަހުން މަސައްކަތް ހުއްޓާލި ފިލްމެކެވެ.
ކަރަންގެ އާ ފިލްމަށް ނަގާނީ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ވިކީ ނުވަތަ ރަންބީރްކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، މި ފިލްމަށް ވަރޫން ދަވަން ނުވަތަ ޓައިގާ ޝްރޮގް ނަގަން އުޅޭކަމުގެ ވާހަކަތަކެއް ވެސް ކުރިން ދެކެވިފައިވެ އެވެ.
ކަރަން އެންމެ ފަހުގެ ޑައިރެކްޝަނަކީ ރަންބީރްގެ އަންހެނުން އާލިއާ ބަޓާއި ރަންވީރު ސިންގްއާ އެކު ގެނެސްދިން 2023 ގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.
"ކުޗް ކުޗް ހޯތާ ހޭ" އިން ޑައިރެކްޝަނަށް ނުކުތް ކަރަން ކުރިން ހެދި ފިލްމުތަކަކީ ކަބީ ހުޝީ ކަބީ ޢަމް (2001)، ކަބީ އަލްވިދާ ނާ ކެހެނާ (2005)، މައި ނޭމް އިޒް ޙާން (2010) އަދި ސްޓޫޑެންޓް އޮފް ދި އިޔާ (2012) އެވެ.