އަޅާލާނެ މީހަކު ނެތް އުމުރުން ދުވަސްވީ ބަލިމީހަކު، ސަރުކާރުން ގދ. ހޯޑެއްދު އަށް ދޫކޮށްލާފައިވާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ބަޔާނެއް ނެރެފި އެވެ.
މިއަދު ނެރުނު ބަޔާނުގައި ބުނީ 64 އަހަރުގެ އެ މީހާ ރަށަށް ދޫކޮށްލީ އައިޖީ.އެމްއެޗްގައި ފަރުވާ ދިނުމަށް މި މަހުގެ 4 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ އެމްބިއުލާންސްގައި ހޯނޑެއްދު އަށް ގެނެންގޮސް ކަމަށެވެ
އަދި އެކަން އެގޮތަށް ކޮށްފައި ވަނީ ކައުންސިލާއި ހޯނޑެއްދޫގައި ގާއިމްވެފައިވާ އެއްވެސް އިދާރާއަކަށް ރަސްމީ އެންގުމަކާއި ނުލައި ކަމަށާއި އެ މީހާ، ހެލްތު ސެންޓަރުގައި އެޑްމިޓް ނުކޮށް ބޭއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
ހޯނޑެއްދޫ ކައުންސިލްގެ ބަޔާނުގައި ބުނީ އެ މީހާ އަކީ މިދިޔަ 4 ގައި، ހޯނޑެއްދޫ ސިއްޙީ މަރުކަޒުން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، އެތަނުން މާލޭގެ އައިޖީއެމްއެޗަށް ގެންދިޔަ މީހެއް ކަމަށެވެ.
އަދި އާންމު ފަރާތެއްގެ ރިޕޯޓަކާ ގުޅިގެން ހޯނޑެއްދޫ ކައުންސިލާއި ހޯނޑެއްދޫ ސިއްޙީ މަރުކަޒުން، މިދިޔަ މަހުގެ 11 ގައި އެ މީހާގެ ވާހަކަ ހެލްތު މިނިސްޓްރީ އާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީއާ ހިއްސާކޮށް އެ މީހާ، މަރުކަޒުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަވައި އެދިފައިވާ ކަމަށް ވެސް ހޯނޑެއްދޫ ކައުންސިލުން ބުންޏެވެ.
އެހެންވެ މިނިސްޓްރީން ވީ އެންމެ އަވަހަކަށް އެ މީހާއާ ހަވާލުވުމަށާއި، އޭނަގެ ޤާނޫނީ ބަލަދުވެރިޔާ ހޯދައި ޒިންމާ ހަވާލުކުރުމަށް ކައުންސިލުން ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. ހޯ
"ކައުންސިލުން މިނިސްޓްރީއާ ގުޅިގެން މި މައްސަލައަށް ހައްލެއް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މީގެ އިތުރުން، އެ ފަރާތަށް ބޭނުންވާ އެކިއެކި އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދެވިފައި،" ބަޔާނުގައި ބުންޏެވެ. "ކައުންސިލުން މި މައްސަލައިގައި އިސްނަގައިގެން، އެ ފަރާތަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވޭ. އެވެ. އަދި މިނިސްޓްރީއާ ގުޅިގެން އެ ފަރާތުގެ ދުޅަހެޔޮކަމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ވަނީ އަޅާފައި."
ކައުންސިލުން ބުނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، އަމިއްލަ އަށް ނޫޅެވޭ ފަރާތްތައް ބެލެހެއްޓުމަކީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީއާ މަތިކޮށްފައިވާ ޒިންމާ އަކަށް ވާތީ، މިފަދަ ފަރާތްތައް އަޅާނުލައި ދޫކޮށްލުމަކީ ކައުންސިލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"މި މައްސަލައަށް އަވަސް އަދި ދެމެހެއްޓެނެވި ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ނުހަނު އާދޭހާ އެކު ކައުންސިލުން ގޮވާލަން." ބަޔާނުގައި ބުންޏެވެ.