Last Updated: June 8, 19:18
Monday, June 8, 2026
މުނިފޫހިފިލުވުން

އަހާންގެ ދެވަނަ ފިލްމުގެ ޝޫޓިން މާޗްގައި

ދާދި ފަހުން ރިލީޒްކުރި ފިލްމު "ސައްޔާރާ" އިން ވިދި ބޮލީވުޑްގެ އާ އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ސައްޔާރާ" ވެސް އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ދެވަނަ ފިލްމަކަށް އަހާން ސޮއިކުރި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެގޮތުން އާ ފިލްމަކީ ރޮމޭންޓިކް އެކްޝަން ފިލްމެއް ކަމަށާއި އޭގެ ޑައިރެކްޓަރަކީ އަލީ އައްބާސް ޒަފަރު ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަން އަދި ސާފު ނުވާ މި ފިލްމުގެ ބަތަލާ އަކީ ޝަރްވާރީ ވާގް އެވެ. އޭނަ އަކީ ވައިއާރްއެފްގެ 2021 ގެ "ބަންޓީ އޯރް ބަބްލީ 2" އިން ތައާރަފުވި އަދި މިހާރު ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ބަތަލާއެކެވެ.

މީޑިއާތަކުން ބުނި އަހާން އާއި ޝަރްވާރީގެ ފިލްމު އަންނަ އަހަރު ބެލުންތެރިންނަށް ގެނެސް ވެސް ދޭނެ ކަމަށެވެ.

މީގެ ޑައިރެކްޓަރު އަލީގެ އެންމެ ފަހުގެ ފިލްމަކީ ޕޫޖާ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް މިދިޔަ އަހަރު އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފާ އެކު ގެނެސްދިން "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.

ވައިއާރްއެފަށް އަލީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ސަލްމާން ޚާންގެ 2017 ގެ "ޓައިގާ ޒިންދާ ހޭ" އެވެ. އޭނަ އަކީ ވައިއާރްއެފްގެ "މޭރޭ ބްރަދާ ކީ ދުލްހަން" އާއި "ގުންޑޭ" އަދި "ސުލްތާން" ގެ ވެސް ޑައިރެކްޓަރެވެ.

ޝަރްވާރީގެ ކުރިއަށް އޮތް ފިލްމަކީ ޑިސެންބަރުގައި ގެނެސްދޭން ހަމަޖެހިފައި އޮތް ސްޕައި ޔުނިވާސްގެ "އަލްފާ" އެވެ. މިއީ އޭނަ އާއި އާލިއާ ބަޓް ލީޑްކުރާ ފިލްމެކެވެ.