Last Updated: July 4, 21:01
Saturday, July 4, 2026
ޚަބަރު

އޮމަދޫގެ އިޚްތިޞާޞަށް ތިން ފަޅެއް އިތުރުކޮށްފި

އދ. އޮމަދޫގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެރަށުގެ އިޚްތިޞާޞަށް، އެ އަތޮޅުގެ ތިން ފަޅެއް އިތުރުކޮށްފިއެވެ.

އޮމަދޫގެ އިޚްތިޞާޞަށް އިތުރުކޮށްފައިވާ ފަޅުތަކަކީ، އަރިއަތޮޅު ދެކުނުބުރި ކުޑަދޫފަޅާއި، އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1329 ފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1330 ފަޅެވެ.

މިއާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އަށް އިޞްލާޙު ގެންނަވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކޮށްފައެވެ.

މިފަޅުތައް ތަރައްގީކުރެވިގެންދާނީ ފަތުރުވެރިކަމުގެ އިތުރުން، އިޤްތިޞާދީ ގޮތުން އޮމަދޫ ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ ތަފާތު ގިނަ މަސައްކަތްތައް ކުރެވޭ ފަދައިންނެވެ.