ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު އދ. ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ދިއްދޫގެ އިތުރުން މި ހަފްތާތެރޭގައި ބީއެމްއެލް އިން ފެންފުށި، ކުނބުރުދޫ އަދި މަންދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އދ. އަތޮޅަށް ބީއެމްއެލް އޭޓީޢެމް ވިއުގަ ފުޅާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އދ. އަތޮޅުގައި ބީއެމްއެލް އިން ކުރާ އިންވެސްޓްމަންޓަކީ ބޭންކަށްވެސް އަދި މި އަތޮޅުގެ މުޖުތަމަޢުތަކަށްވެސް ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލުކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ހުރިހާ ރައްޔިތުންނަށް ބޭންކުގެ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ފޯރުކޮށްދިނުން. އަޅުގަނޑުމެން ގާއިމުކުރާ އޭޓީއެމްތަކަކީ މި އަމާޒަށް ވާސިލުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް." ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 189 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 247 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.