Last Updated: June 5, 22:30
Saturday, June 6, 2026
ރިޕޯޓް

ސިހުރުވެރިޔަކު ބުނެފައިވެ އެވެ!

އަހަރެން މީހުންގެ ސިޙުރު ހެދުމަށްޓަކައި އެމީހުންގެ ގާތަށް ޖިންނީން ފޮނުވަމެވެ. ބައެއް މީހުންނަށް ވަރަށް އަވަހަށް ސިހުރު ހެދެ އެވެ. އަދި އަނެއްބައި މީހުންނަށް ޖިންނީން ފޮނުވުމުން އެނބުރި އެމީހާގެ އަޑު އިވޭކަމަށާއި ނަމަވެސް އޭނާ ނުފެންނަ ކަމަށް ބުނެ އެވެ. އަދި އަނެއްބައި މީހުންގެ ގާތަށް ޖިންނީން ފޮނުވުމުން ވަރަށް ދުރުން އޭނާ ފެނުނު ނަމަވެސް އެ މީހުންނަށް އޭނާ ގެއްލޭ ކަމަށް ބުނެ އެވެ. އަދި އަނެއްބައި މީހުންނަށް ސިހުރު ހެދުމަށް ޖިންނީން ފޮނުވުމުން އެނބުރި އައިސް އެމީހުން ނުފެނުނު ކަމަށް ބުނެ އެވެ.

ދެން ޖިންނީންގެ ތެރެއިންމާރިދުން ފޮނުވަމެވެ. އެއީ ކުރިން ފޮނުވި ޖިންނިއަށް ވުރެ ބާރުގަދަ ޖިންނީންނިއެކެވެ. ނަމަވެސް މާރިދު ޖިންނީން ވެސް އެނބުރި އައިސް ބުނަނީ އެމީހާ ނުފެނުނު ކަމަށެވެ. ދެން ފޮނުވަނީ އިފްރީތުންނެވެ. އެއީ އެންމެ ބާރުގަދަ ޖިންނީންނެވެ. ނަމަވެސް އެމީހުން ވެސް އެނބުރި އައިސް ބިމުގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތަށް ދަތުރުކުރި ނަމަވެސް އެ މީހާ ނުފެނުނު ކަމަށް ބުނެ އެވެ.

ދެން އަހަރެން އެމީހުންނާ ސުވާލު ކުރަމެވެ. އޭނާ ނުފެނުނީ، ކީއްވެގެން ހެއްޔެވެ؟ އޭނާ ހުންނާނީ ގޭގައި ނުވަތަ މިވެނި މިވެނި ތަނެއްގައި ވަޒީފާ އަދާކުރަން ނޫން ހެއްޔެވެ؟ އެ މީހުން ބުނަނީ އެތަންތަނުން ވެސް އެމީހަކު ނުފެންނަކަށެވެ.

ސިހުރުވެރިޔާ ބުނެފައިވެ އެވެ! ތައުބާވުމަށް ފަހު އަހަރެންނަށް އެނގުނީ މީހުން ތަފާތުވަނީ އެމީހުންގެ ވަށައިގެންވާ ރައްކާތެރިކަމުގެ ސަބަބުންކަމެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުން ރައްކާތެރި ކަމެއް ނުހޯދަ އެވެ. މިފަދަ މީހުން ސިހުރު ޖެހުން ފަސޭހަ އެވެ. އަދި އެމީހުންގެ ތެރެއިން އަނެއްބައި މީހުން ރައްކާތެރިކަން ހޯދައި ނަމަވެސް ހަނދާން ނެތިގެން ނުވަތަ އިހުމާލުވެގެން ނަމާދު ދޫކޮށްލަ އެވެ.

މި ބާވަތުގެ މީހުންގެ އަޑު އިވި، ކައިރިން ފެނެ އެވެ. އަދި އެންމެ ގިނައިން ރައްކާތެރިކަން ހޯދާ މީހުން، މުޅި ބިމުގައި ވެސް އަތްފުނާ އެޅިއަސް ނުފެނެ އެވެ. އަދި އެ މީހުންގެ ތެރޭގައި ދިރިއުޅުނު ކަމުގައިވިޔަސް އެފަދަ މީސްމީހުން ނުފެނެ އެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެ އެވެ. ‎﴿وَإِذَا قَرَأْتَ الْقُرْآنَ جَعَلْنَا بَيْنَكَ وَبَيْنَ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ حِجَابًا مَّسْتُورًا﴾‏ (سورة الإسراء ٤٥) މާނައީ:"ކަލޭގެފާނު قرآن ކިޔަވައިވިދާޅުވާހިނދު، ކަލޭގެފާނާއި، آخرة ދުވަހަށް إيمان ނުވާމީހުންނާ ދެމެދު ނިވައިކުރަނިވި ފަރުދާއެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ."

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.