Last Updated: July 4, 21:01
Saturday, July 4, 2026
ޚަބަރު

ގާސިމްގެ ތައުރީފް ރައީސަށް: ތިވަރުގެ އިހުލާސްތެރި ވެރިޔަކު ނުދެކެން

ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވާ އިހުލާސްތެރި ނިޔަތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އެހެން ވެރިޔަކު ފެނިފައި ނުވާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އދ. ފެންފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީ ބަދަލުވެގެން ރާއްޖެއަށް ވެރިކަން ކުރަން ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު ފިޔަވާ ހިތްވަރާއި، އަޒުމާއި އަދި އިހުލާސްތެރި ނިޔަތަކާއެކު މަސައްކަތް ކުރެއްވި އެހެން ވެރިއަކު ފެނިފައި ނުވާ ކަމަށެވެ.

"މަނިކުފާނު ހަވާލުވެވަޑައިގެންނެވި ފަހުން މި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ ހިތްވަރާއި އަޒުމަކާ އެކީގައި، އިހުލާސްތެރި ނިޔަތެއް އޮވެގެން ކުރިއަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަދި އެއްވެސް ވެރިއަކު ގައިމު ވެސް އަޅުގަނޑު ނުދެކެން،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މިއީ ރައީސް މުއިއްޒަށް ހުޝާމަދު ކުރުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫން ކަމަށާއި މިއީ ހިތުގެ އަޑިން ގަބޫލުކުރާ ކަންތައްތަކެއްގެ ވާހަކަ ކަމަށެވެ.

މީގެއިތުރުން ގާސިމް ވަނީ އދ. ފެންފުއްޓަށް ވަޑައިގެން އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ސަރުކާރުން ފެށުމުން އެކަމަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.