އދ. ފެންފުށީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ކޭ އެންޑް އެފް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އަދި މަސައްކަތް ހަވާލުކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަޙްމަދު އަކްރަމްއެ ވެ.
ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ހިމެނޭ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއް ހިމެނޭއިރު، މި މިސްކިތުގެ މަސައްކަތް ނިމޭއިރު ސޯލާ ހަރުކުރެވި އޭސީ ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުތެރޭ ނިންމާ ގޮތަށެވެ.