Last Updated: July 4, 21:01
Saturday, July 4, 2026
ޚަބަރު

ހައްޔަރުކުރި މީހުންނަށް ވަކީލުންނާ ބައްދަލުކުރަން ފުރުސަތެއް ނުދޭ

މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ވަކީލުންނާ ބައްދަލުކުރަން ފުރުސަތެއް ނުދޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 8 މީހަކު މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއިރު، އޭގެތެރެއިން ދެ މީހަކު ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ބަންދުގެ މުއްދަތުގެ އަޑުއެހުމުގެ ކުރިން ހައްޔަރުކޮށްފައިވާ މީހުންނަން ވަކީލުންނާ ބައްދަލުކުރަން ފުރުސަތު ދީފައި ނުވާ ކަމަށާއި މިއީ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގު ނިގުޅައިގަތުން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރާ އިތުބާރު އިތުރަށް ކުޑަވެގެންދާނެ ކަމެއް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

މީގެއިތުރުން އެމްޑީޕީން ވަނީ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުންތަކެއް ބުނެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިއީ ގާނޫނާ ޚިލާފަށް ފުލުހުން އެއްވުމުގެ ބައިވެރިން ހައްޔަރުކުރުން ދިފާއުކުރުމަށް ކުރާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.