ގިނަ ރަށްތަކެއްގައި ހުއްޓިފައިވާ ނަރުދަމާގެ މަޝްރޫޢުތައް އަލުން ފެއްޓޭނޭ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އދ. ފެންފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައިވުމަކީ ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ މި މަސައްކަތްތައް، މި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބާރު އަޅުއްވައިގެންވެސް، އަލުން ފަށާފައި ނުވާތީ، ސަރުކާރުން މިހާރު ނިންމަވާފައިވަނީ އެއްބަސްވުން ނިމުމަކަށް ގެނެސް، އެހެން ގޮތަކުން މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް ކަމަށެވެ.
އެގޮތުން ފެންފުށީގެ ނަރުދަމާގެ މައްސަލައަށް ހައްލު ގެނެސްދެއްވާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
މަޑުޖެހިފައިވާ އެ ރަށުގެ ސްކޫލްގެ މަސައްކަތްވެސް އަލުން ފައްޓަވައި، އަންނަ ދިރާސީ އަހަރަށް އެ އިމާރާތް ބޭނުންކުރެވޭ ގޮތަށް މަސައްކަތް ނިމޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވަނީ، ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢާއި، ފެންފުށީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ. އަދި ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން، ފެންފުށީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތާއި، ފެންފުށީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތާއި، ކުންޏާއި ވަސީލަތް މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތާއި، ފުޓުބޯޅަ ދަނޑުގެ ވަށައިގެން ޓްރެކެއް ހެދުމުގެ ޢަމަލީ މަސައްކަތާއި، ވޮލީކޯޓު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ. އަދި މިއަދު ފެންފުށީގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތްވެސް އިފުތިތާޙުކޮށްދެއްވާފަ އެވެ.
މި މަޝްރޫޢުތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ފެންފުށީގައި އެއްގަމުތޮށީގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނޭ ކަމަށާއި، މިސްކިތް ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ހިނަވާގެވެސް ހިމެނޭގޮތަށް ކަމަށެވެ. އަދި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަވާނީ، މިހާރު ހުރި މަރުކަޒުގެ ޚިދުމަތްތައްވެސް އައު އިމާރާތަށް ބަދަލުކުރެވޭނޭ ގޮތަށް، މަސައްކަތުގެ ސްކޯޕަށް ބަދަލުގެންނަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.