ރައްޔިތުންގެ މޫނުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިނިތުންވުން ގެނެސްދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައީސް މުއިއްޒު ފިޔަވާ އިހުލާސްތެރި ނިޔަތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އެހެން ވެރިޔަކު ފެނިފައި ނުވާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމް ވިދާޅުވުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ގާސިމް ދެއްކެވީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމަށާއި ރާއްޖެ މިހާރު މިދެކޭ ހިތްދަތި ހާލަތު ދެކެމުން އަންނަނީ ހިތްނިޔަތް ތެދުކޮށް ވެރިކަން ކުރެެއްވި ބޭފުޅުން މަދުވުމުން ކަމަށެވެ.
ރައީސް މުއިއްޒަކީ ޤާނޫނު އަސާސީ ދުށް އެންމެ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ، ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ކޮށްދެއްވަމުން ގެންދަވާ ވެެރިޔާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ސަރުކާރުތަކުން ޤައުމު ވައްޓާލާފައިވާ ފުން އަނދަވަޅުން ސަލާމަތްކޮށް އެމަނިކުފާނުގެ ޒަޢާމަތުގައި ޤައުމު ހަމަ މަގަށް އަޅުވާ ރައްޔިތުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދެއްވާނެކަމީ ޝައްކެއް ވެސް ނެތް ކަމެއް. އެކަން މިއަދުވެސް ރާއްޖޭގެ ކަންކޮޅުތަކުން އަންނަނީ ފެންނަމުން،" ޝިޔާމް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އދ. ފެންފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީ ބަދަލުވެގެން ރާއްޖެއަށް ވެރިކަން ކުރަން ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު ފިޔަވާ ހިތްވަރާއި، އަޒުމާއި އަދި އިހުލާސްތެރި ނިޔަތަކާއެކު މަސައްކަތް ކުރެއްވި އެހެން ވެރިއަކު ފެނިފައި ނުވާ ކަމަށެވެ.
"މަނިކުފާނު ހަވާލުވެވަޑައިގެންނެވި ފަހުން މި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ ހިތްވަރާއި އަޒުމަކާ އެކީގައި، އިހުލާސްތެރި ނިޔަތެއް އޮވެގެން ކުރިއަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަދި އެއްވެސް ވެރިއަކު ގައިމު ވެސް އަޅުގަނޑު ނުދެކެން،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.