Last Updated: July 4, 20:07
Saturday, July 4, 2026
ޚަބަރު

ފުލުހުންގެ ޒާތީ މައުލޫމާތު އާންމުކުރާނަމަ ފިޔަވަޅު އަޅަނީ

ފުލުހުންގެ މައި އިދާރާ

ވަކިވަކި ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ޒާތީ މައުލޫމާތު އާންމުކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އެމްޑީޕީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ކުރުމުގައި ހަރަކާތްތެރިވާ ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކުރަމުންދާ ކަމަށެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެއޮފިސަރުންގެ އާއިލާ އަށް ނަފްރަތު އުފެދޭ ގޮތަށާއި އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

އަދި ފުލުސް އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަންކަން ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.