ރަށްރަށުގައި އޭޓީއެމް ބަހައްޓާތީ މަލާމާތް ކުރަނީ ރައްޔިތުން އުޅެމުން އައި ނިކަމެތި ހާލު ނުވިސްނޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުތަކުގައި ގެންދަވަނީ ބީއެމްއެލްގެ އޭޓީއެމްތައް ހުޅުއްވައިދެއްވަމުންނެވެ. އެކަމަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
އދ. މާމިގިލީ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ ކަންކަން ހޯދަން އަބަދު މާލެއަށް ނުވަތަ އަތޮޅުގައި އޮންނަ ދުރު ރަށަކަށް ގޮސްގެން ތަހައްމަލު ކުރަންޖެހޭ ދަތިކަން އެއީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި ރަށްރަށުގައި އޭޓީއެމްތައް ގާއިމުކުރަނީ ވެސް އެހެންވެ ކަމަށެވެ.
"އެކަމަށް މަލާމާތް ކުރާ ބަޔަކު ވެސް އެބަތިބި. އެބޭފުޅުންނަށް ހަގީގަތުގައި ވިސްނިވަޑައިނުގަންނަވަނީ ކަން ނޭނގޭ ނިކަމެތިކަމާއެކު ރައްޔިތުން އުޅެމުން އައި ގޮތް. އަތުން އެތައް ހަރަދެއްކޮށްފައި ކައިރީގައި އޮތް އެހެން ރަށަކަށް ގޮސް ފައިސާކޮޅެއް ޖަމާކޮށް ނަގަން އުޅުން، އިރާދަކުރެވިއްޔާ އެކަން ވެސް ނިމެނީ މި މަސްތެރޭގައި. ހުރިހާ ރަށެއްގައި އޭޓީއެމްތައް ގާއިމުކޮށް އެބަ ނިމޭ މި މަސްތެރޭގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑޮލަރު އޭޓީއެމްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށާއި ބީއެމްއެލްގެ ބްރާންޗުތައް ހެދުމުގެ މަސައްކަތް ވެސް ފެށެމުންދާ ކަމަށެވެ. މިފަދަ ކަންކަން ކުރަނީ މާލޭގައި ލިބެމުން އައި ހިދުމަތްތައް ރައްޔިތުންނާ ގާތުން ލިބޭނެ ގޮތް ހެދުމުގެ ގޮތުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.