ފުލުހުން ބޭއްވި "މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓް" ނިންމާލައިފި އެވެ.
ރޭ ނިންމައިލި މި ސަމިޓަކީ އަންހެން ފުލުހުންގެ ކުރިއެރުވުމަށް ބޭއްވި މިފަދަ ފުރަތަމަ ސަމިޓެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑު މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ " މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓް" ނިންމުމިުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މޯލްޑިވަސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް އެމްއޭސީއެލް) ގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހެވެ.
މި ސަމިޓްގައި ސަލާމަތީ އަދި ޤާނޫނީ ތަންފީޒީ ދާއިރާއިން 50 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ސެކިއުރީ އެންޑް ލޯ އެންފޯސްމަންޓްގައި ރާއްޖޭގައި މަސައްކަތްކުރާ 7 އިދާާރާއަކާއި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ޤައުމުތައް ހިމެނޭހެން 10 ޕާޓްނަރުން ވެސް ހިމެނެ އެވެެ.
ސަމިޓްގައި މި ދާރާއިގައި ހަރަކަތްތެރިވާ އަންހެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންނާއި، އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމާއި އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ.
އަދި މި ސަމިޓުގައި ތަޙުޤީގުކުރުމާއި ޓެކްނިކަލް ދާއިރާތަކާއި އިންޓެލިޖެންސްގެ ދާއިރާއިން ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.