ތާރީހީ ގޮތުން އައްޑޫގެ ވަރަށް ހާއްސަ ތަނެއް ކަމަށްވާ މީދޫ ކޯގަންނު ގަބުރުސްތާންގެ ސެކިއުރިޓީ އެއް އަހަރު ދުވަހުގެ މުއްދަށް ބަލަހައްޓައި ދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.
އެތަމުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ރަޖިސްޓްރީވާނީ އެދޭ ކުންފުނި ނުވަިތަ ވިޔަފާރީގެ ނަމާއ ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް އަށް [email protected] ފޮނުވައިގެންނެވެ.
ކައުންސިލުން ބުނީ ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި ކަމަށެވެ.
ކޯގަންނު ގަބުރުސްތާންގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ހުޅުވައިލި އިރު، އެތަނުގެ މަހާނަގާތަކާއި މިސްކިތަށް ދޭތެރެ ދޭރެއިން ގެއްލުންތައް ދިނުމުގެ މައްސަލަތައް ފެންމަތިވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މަހާނަހާގާތަކަށް ދިން ގެއްލުންތަކެއް މިދިޔަ އަހަރުގެ ތެރޭގައި ހެރިޓޭޖް މިނިސްޓްރީން މަރާމާތު ވެސް ކޮށްފައިވެ އެވެ.
ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގައި މިހާރު އެންމެ ދުވަސްވީ ގަބުރުސްތާނެވެ. އެ ޤަބުރުސްތާނަކީ މުސްލިމުން ވަޅުލުމަށްޓަކާ ގަބުރުސްތާނެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅައި ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ގަބުރުސްތާނު ވެސް މެ އެވެ. ނުވަސަތޭކައެއްހާ ދިގު މާޒީއެއް އޮތް ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ފެންނަން ހުރި ޤަބުރުސްތާނެވެ. އެތަނުގައި 1،500 އަށް ވުރެ ގިނަ މަހާނަގާ ހުރި އިރު، އޭގެ ތެރޭގައި ހާފިޒުންނާއި ކުރީގެ ދަންނަބޭކަލުންގެ މަހާނަ ގާތައް ވެސް ހިމެނެ އެވެ.
ކޯގަންނު ގަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމަނާފައިވާ އިރު އެ ތަނުގައި ހިރިގަލުން ހަދާފައި ހުރި ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމެނުމަށް ހުޝައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ވެސް ހިމެނޭ މިސްކިތެކެވެ.