Last Updated: June 8, 18:49
Monday, June 8, 2026
މުނިފޫހިފިލުވުން

ހިރާނީގެ ދަރިފުޅު ބޮލީވުޑަށް ނެރެނީ

ހެންސަލް، ވީރު އަދި ހިރާނީ.

ބޮލީވުޑްގެ އެންމެ ކުޅަދާނަ އަދި އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖްކުމާރު ހިރާނީގެ ދަރިފުޅު ވީރް ހިރާނީ ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އޭނަ ތައާރަފު ކުރަން ހަމަޖެހިފައި ވަނީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ހެންސަލް މެހެތާގެ ކުންފުނި، ޓްރޫ ސްޓޯރީ ފިލްސް އަށް މަޝްހޫރު މަލަޔާޅަމް ޑައިރެކްޓަރު ލިޖޯ ޖޯސް ޕެލިސަރީ ހަދަން ނިންމާފައިވާ ފިލްމަކުން ކަމަށެވެ. އޭނަ އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ 2019 ގެ "ޖަލިކައްޓޫ" އާއި 2017 ގެ "އަންގަމަލީ ޑައިރީސް" ގެ ޑައިރެކްޓަރެވެ.

ވީރު މީގެ ކުރިން އެކްޓިން ހުނަރު ދައްކާލާފައި ވަނީ ސްޓޭމް ތަމްސީލުތަކުންނެވެ. އެގޮތުން މިދިޔަ އަހަރުގެ "ލެޓާސް އޮފް ސުރޭޝް" ގައި އޭނަ ދެއްކި ހުނަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެ އެވެ.

ޕީޕިންމޫން އިން ބުނީ ލަންޑަންގެ ރޯޔަލް އެކަޑެމީ އޮފް ޑްރަމެޓިކް އާޓްސް ރާޑާ) ގެ ގްރެޖްއޭޓެއް ކަމަށްވާ ވީރު ތައާރަފު ކުރަން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެެރޭގައި ފަށާނެ ކަމަށާއި އެއަށް ބަތަލާއަކު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މާ ބޮޑު ތަފުސީލުތަކެއް އަދި ނުލިބޭ މި ފިލްމުގެ މިއުޒިކް ހަވާލުކޮށްފައި އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ އޭއާރް ރަހުމާނާ އެވެ.

"3 އިޑިއަޓްސް" އާއި "ޕީކޭ" އާއި "ސަންޖޫ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ހިރާނީގެ ދަރިފުޅަށް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބުނު އިރު، ބައްޕަ ޑައިރެކްޓްކުރާ ފުރަތަމަ ވެބް ސީރީޒް "ޕްރިތަމް ޕެޑްރޯ" ގެ ކާސްޓްގައި ވެސް ވީރު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖިއޯ ހޮޓްސްޓާ އަށް ހަދާ އެ ސީރީޒްގެ މައިގަނޑު ކާސްޓުންނަކީ ވިކްރާންތު މަސީ އާއި އަރުޝަދު ވަރްސީ އެވެ.

ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކް ޚާންގެ 2023 ގެ "ޑަންކީ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އާމިރު ޚާނާ އެކި ހަދަން ނިންމާފައިވާ، އިންޑިއާގެ ސިނަމާގެ ބައްޕަ ދާދާސާހެބް ޕާލްކޭގެ ބައޮގްރަފިކަލް ޑްރާމާ އެވެ.