އދ. މާމިގިލީގައި ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް) ގެ ކެމްޕަހެއް ހަދަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ މާމިގިލީ ރައްޔިތުންނާ އެކި ބޭއްވި ބައްދަލުވުނުގެ ތެރޭގަ އެވެ. އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރެވެ. އަދި މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީނެވެ.
މާމިގިލީގައި ހަދާ އައިޔޫއެމް ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި ފަސް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހިމެނޭނެ އެވެ. އަދި ކެމްޕަހުގައި މުވައްޒަފުންގެ އަކޮމަޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ދަނާލަކާއި ރެކްރިއޭޝަން ފެސިލިޓީއެއްގެ އިތުރުން ކެންޓީނެއް ވެސް ހުންނާނެ އެވެ. މިއީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ކެމްޕަސް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް ފެށޭ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއަކީ ޕީއެސްއައިޕީގެ ދަށުން ހިންގަން ނިންމި މަޝްރޫޢެކެވެ.
މާމިގިލީގައި އައިޔޫއެމްގެ ކެމްޕަހެއް ހަދަން ނިންމި އިރު، އެ ޔުނިވަރސިޓީން މިހާރު ވެސް އަންނަނީ އެ ރަށުގައި ޤުރުއާންގެ ދާއިރާއިންނާއި ޓީޗަރުންގެ ދާއިރާ އިން ބެޗްލަރސް ޑިގްރީ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ.