އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީތު ދޮސަންޖްގެ އާ އަލްބަމް މި މަހުގެ 15 ގައި ނެރޭނެކަން އިއުލާންކޮށްފި އެވެ.
އަލްބަމްގެ ކަވަރާ އެކު އޭނަ ވަނީ ސޯޝަލް މީޑިއާގައި އަލްބަމްގެ ޓްރެކް ލިސްޓް ވެސް ހިއްސާކޮށްފަ އެެވެ. "އޯރާ" ގެ ނަން ދީފައިވާ މި އަލްބަމްގައި ޖުމްލަ 10 ލަވަ ހިމެނޭނެ އެވެ. އެއީ "ސެނޮރީޓާ"، "ކުފާރް"، "ޔޫ އެންޑް މީ"، "ޗާމާ"، "ބޭން" "ބައްލޭ ބައްލޭ"، "ގުންޑާ"، "މާހިޔާ"، "ބްރޯކެން ސޯލް" އަދި "ގޯޑް ބްލެކްސް" އެވެ.
ޕަންޖާބީ ފަންނާނެއްގެ ގޮތުގައި މަޝްހޫރު ދިލްޖީތު، 41، މިހާތަނަށް 13 އަލްބަމެއް ނެރެފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ އަލްބަމަކީ 2023 ގައި ރިލީޒްކުރި "ގޯސްޓް" އެވެ. ދިލްޖީތުގެ ފުރަތަމަ އަލްބަމަކީ 2002 ގެ "ދިލް" އެވެ.
ޕަންޖާބީ ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ އެކްޓަރުގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ މިދިޔަ ޖޫންގައި ޒީ5 އިން ޕްރީމިއާކުރި މިސްޓްރީ ކޮމެޑީ "ޑިޓެކްޓިވް ޝެރްދިލް" އެވެ. ދިލްޖީތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޯޑާ 2" ހިމެނެ އެވެ.