އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމަ އަށް މިއަދު ދެ އަހަރު ފުރިއްޖެ އެވެ.
އަނިޔާވެރި ޔަހޫދީން ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ ނަސްލު ނައްތައިލަން ހަނގުރާމަ ފެށީ އޮކްޓޯބަރު 7، 2023 ގަ އެވެ. މި ލާއިންސާނީ ޖަރީމާ އަށް ދެ އަހަރުވެގެން ދިޔަ އިރު ފަލަސްތީނުގެ އެތައް ހާަސް ބަޔަކު ޝަހީދު، އެތަން އޮތީ ސުންނާފަތިވެ، އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.
މި ހަނގުރާމައިގައި ފަލަސްތީނުން ޝަހީދުވި މީހުންގެ 62،160 އަށް ވުރެ ގިނަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަނގުރާމައިގައި ޒަހަމްވި މީހުންގެ އަދަދު 95،400 އަށް ވުރެ މަތީގައި އުޅޭ އިރު، ގާޒާގެ ރައްޔިތުން ތިބީ އަސާސީ އެތައް ހިދުމަތަކުން މަހުރޫމުވެފަ އެވެ.
ގެދޮރު ގެއްލި އެތައް ބަޔަކު މަގުމަތިވެފައިވާ އިިރު، ކާނާ އާއި ފެނާއި ބޭސް ފަދަ ޒަރޫރީ އެތައް ބާވަތަކަށް ޖެހި، ގާޒާގެ ރައްޔިިތުން ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. އެތައް ބަޔަކު ދަނީ ކޮންމެ ދުވަހަކު ބަނޑަށް ވެސް މަރުވަމުންނެވެ.
އަނެއްކޮޅުން އިޒްރޭލުން ދަނީ ގާޒާ އަށް ބައިނަލްއަގްވާމީ އެހީ ވެސް ފޯރުކޮށް ދިނުމަށް ހުރަސް އަޅައި، ލާއިންސާނީ އެތަކެއް ޖަރީމާތަކެއް ހިންގަމުންނެވެ.

މި ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ ބައިނަލްއަގުވާމީ ދުނިޔެ، ހާއްސަކޮށް އިސްލާމީ ދުނިޔެ އިން މަސައްކަތްކުރި ނަމަވެސް އެމެރިކާ އާއި ހުޅަނގުގެ ވަރުގަދަ ބައެއް ގައުމުތަކުގެ އެހީތެރިކަމާއި ވާތްގާ އެކު، އިޒްރޭލްގެ މައްޗަށް ބަސް ބުނެވޭ ވަރުގެ ބަޔަކު ނެތެވެ.
ޔަހޫދީ ދައުލަތުން ބައިނަލްއަގްވާމީ އެއްވެސް ގާނޫނަކަށް، ގަވާއިދަކަށް ތަބައެއް ނުވެ އެވެ.
މި ދިގުލައިގެން ގޮސްފައިވާ ހަނގުރާމަ، ގާޒާއާ ދެކޮޅަށް އިޒްރޭލުން ފެށީ އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން ދިން ކުއްލި ވަރުގަދަ ހަމަލާއަކާ ގުޅިގެންނެވެ. ޔަހޫދީންގެ ފެސްޓިވަލަކަށް ދިން ހަމަލާގައި އިޒްރޭލުގެ 1،200 އެއްހާ މީހުން މަރުވި އެވެ.
އޭގެ ފަހުން އިޒްރޭލުން ގާޒާއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ފަށައި، ގާޒާ ސުންނާފަތިކޮށްފައިވާ އިރު، ބައެއް ގައުމުތައް މެދުވެރިވެގެން މި ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ މިހާރު ވެސް އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.