ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ ހަދާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުން އަންނަ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ (އެޕްވެކްސް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ އިތުރުން އިދާރީ އޮފީހެއް އިމާރާތް ކުރުމުގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 4 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަނަށް 1،500ރ. ދައްކަން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ބީލަމުގައި ބައިވެރިވޭނީ ފާއިތުވި 5 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 1.06 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވުން އަދި ފާއިތުވި 10 އަހަރު ތެރޭގައި މި ބާވަތުގެ މަސައްކަތެއްކޮށްފައިވާއަދި މަސައްކަތުގެ އަގު މަދުވެގެން 2.5 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ފަރާތްތަކަށެވެ.
މި މަޝްރޫއާ ގުޅޭ ޕްރީ-ބިޑް މީޓިން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އޮންލައިންކޮށެވެ.
ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ އަކީ ހެލްތު މިނިސްޓްރީގެ ބޭނުމަށް ހަދާ ތަނެކެވެ.