ދައުލަތުގެ ވަޒީރުންގެ މާލީ ބަޔާން ވަކި މުއްދަތެއްގައި ހުށަހެޅުން ލާޒިމުކުރަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާހު ބަަލައިގަތީ، ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހުގައި ބުނެފައިވަނީ ކޮންމެ ވަޒީރަކު ވެސް އަހަރަކު އެއް ފަަހަރު، އެ މެމްބަރެއްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ ހިސާބުކިތާބާއި ވިޔަފާރީގެ މަސްލަހަތާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާން، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަހަރު ކަމަށް މާނަކޮށްފައިވަނީ، މިނިސްޓަރުން ހުވާ ކުރައްވާތާ އަހަރު ވާ ދުވަހެެވެ.
އެ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޑަށް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންޖެހޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.
އަދި އެއް އަހަރުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ބަޔާން، މަޖިލީހާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށާއި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަނާޅައިފި ނަމަ، އެ ހުށަހަޅަން ދެން ކޮންމެ ދުވަހެއްގެ މުސާރައަށްވާ އަދަދު ކެނޑުމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.