ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރަން ޖަޕާނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ، މެޑަމް ސާޖިދާގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި، ދެޤައުމުގެ މެދުގައި އޮތް ގާތް އަދި، ދެމިގެންދާ ގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. އަދި، މިއަހަރަކީ ދެޤައުމުގެ ސިޔާސީ ގުޅުމަށް 58 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ދެބޭފުޅުންވެސް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) މެދުވެރިކޮށް، ރާއްޖޭގައި ތަމްރީނާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާކުރެއް ވިއެވެ.
އަދި، މިހާރުވެސް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރޒް (ޖޭއޯސީވީ) އިން ސްޕެޝަލައިޒްޑް އެޑިއުކޭޝަނާއި ފިޒިކަލް އެޑިއުކޭޝަންގެ ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވި އެވެ. އެގޮތުން، ޖަޕާނު ސަރުކާރުން މިފަދަ މަޝްރޫޢުތަކާއި، ރާއްޖޭގެ އުމްރާނީ، މުވާސަލާތީ، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ޖަޕާނުގެ ސަފީރު ވަނީ ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން ބައިވެރިވަމުންދާނޭކަމުގެ ޔަޤީންކަން ތަކުރާރުކުރައްވައި، ތަޢުލީމާއި، އިޖްތިމާޢީ ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވާފަ އެވެ.