ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގުރުއަތު ނުނަގާ ފަރާތްތަކުގެ ގުރުއަތުނެގުން މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 16 ނޮވެންބަރު 2023 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، 73 އިން ފެށިގެން މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76 އަށް ވުރެ މަތިން މާކްސް ލިބި 3 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓްލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައްވެސް ހިމެނޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިގޮތުން، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މާދަމާ 15:00 އިން ފެށިގެން ހައުސިން މިނިސްޓްރީގަ އެވެ. ގުރުއަތު ނެގުމުން އެފަރާތްތަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަދާހަމަ ކުރަމުން ދާނެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު ދަނީ ފްލެޓް އެގްރިމެންޓް ކޮށްފައިވާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.