Last Updated: June 5, 22:30
Saturday, June 6, 2026
ރިޕޯޓް

ޕޯން އަށް ދެވިހިފީ 12 އަހަރުގައި، މުޅި ދިރިއުޅުން ހަލާކު!

މިއީ މުސްލިމު ފިރިހެނަކަށް ދިމާވި ޙާދިސާއެކެވެ. އޭނާގެ ވާހަކަ ކިޔައި ދެމުން ބުންޏެވެ. އަހަރެންގެ އުމުރުން 12 އަހަރުގައި އަހަރެން ބަރަހަނާ ފިލްމު ބަލަން ފެށީމެވެ. އަހަންނަށް އެކަން ތަޢާރަފުކޮށްދިނީ އަހަރެންގެ ޢާއިލާގެ މީހެކެވެ. އަހަރެންގެ އުމުރުން 12 އަހަރުގައި ފުރަތަމަ ފަހަރަށް އޭނާ އަހަންނަށް ބަރަހަނާ ފިލުމެއް ދެއްކި އެވެ. އޭގެ ފަހުން އޭނަގެ ކޮޓަރިން ވަގަށް، ބަރަހަނާ ފިލުމު ނަގައިގެން އަހަރެން އެ އެއްޗެހި ބަލަމުން ދިޔައީމެވެ.

ފަސް އަހަރުގެ ތެރޭގައި ބަރަހަނާ ފިލުމު ބެލުމުގެ ނުބައި އާދަ (ދެވިހިފުން) އަހަރެންގެ ހިތުގެ ތެރޭގައި ނުހަނު ގަދައަށް ހިފާ ލިއެވެ. އަދި ފިލުމު ވިއްކާ މީހެއްގެ ކައިރިއަށް ގޮސް އަހަރެންގެ ނަން އެތާނގައި ރެޖިސްޓަކުރީމެވެ. އެއީ އެންމެ ފަހުގެ ބަރަހަނާ ފިލުމުތައް މާކެޓަށް ގެންނަ މީހެކެވެ. މިގޮތަށް އޭގެ ފިލުމު ގަންނަން އަހަރެން ދާ ފަހަރެއްގައި 12 ޑީވީޑި ވަރު އަހަރެން ގަންނަމެވެ. އަދި އަހަރެން އެ ފިލުމުތައް ހެނދުނުން ފެށިގެން ގޮސް ރޭގަނޑު ވަންދެން ބަލަމެވެ.

އުމުރުން ގާތް ގަނޑަކަށް 18 އަހަރުގައި އަހަރެން އަމިއްލަ އަށް ޖިންސީ އެދުން ފުއްދަން ފެށީމެވެ. އަދި ނުރަނގަޅު އަންހެނުންނާއި އަހަންނާ ދެމެދު ގާތްކަން ބޭއްވެން ފެށުނެވެ. އުމުރުން 20 އަހަރުގައި ހަށިވިއްކާ އަންހެނަކާ އެކު އަހަރެން ފުރަތަމަ ފަހަރަށް ޒިނޭކުރީމެވެ. ނަސީބު ދެރަކަމުން އެ ފަހަރު އަހަރެންގެ ޖިންސީ ގުނަވަނަށް އެސްޓީޑީ ޖެހުނެވެ. (މިއީ ޒިނޭގެ ސަބަބުން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ބައްޔެކެވެ.) އަދި މި ބަލީގެ ސަބަބުން އަހަރެން ވަރަށް ގިނަ ދުވަސް ވަންދެން އެކަހެރި ކުރެވިފައި ބެހެއްޓުނެވެ.

މި ބަލީގެ ސަބަބުން ގާތް ގަނޑަކަށް އަހަރެންގެ ޖިންސީ ގުނަވަން އެއްކޮށް ހަލާކުވުމާ ގާތްވިއެވެ.

ބަލިން ރަނގަޅުވުމާ އެކު އަނެއްކާ ވެސް ބަރަހަނާ ފިލުމުތައް ބަލަން ފެއްޓީމެވެ. ނަމަވެސް މަޑުމަޑުން އަންނިވި ކަންކަން އަހަންނަށް ކުރިމަތި ވަމުން ދިޔައެވެ.

އަހަރެންގެ ލޮލުގެ ފެނުމުގެ ބާރު ދައްވާން ފެއްޓިއެވެ. އަދި ވަރަށް ގިނައިން ލޮލުން ފެން ފައިބަމުން ދިޔައެވެ. އުމުރުން 22 އަހަރުގައި އައިނު އަޅަން ޖެހުނެވެ.

ކުރިން އަހަންނަކީ ކީރިތި ޤުރްއާން ހިތުދަސް ކުރަމުން އައި މީހަކީމެވެ. ކީރިތި ޤުރްއާނުގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ހިތުދަސް ވެސް ކުރީމެވެ. ނަމަވެސް އަހަންނަށް ނޭނގި ހުއްޓާ އަހަރެންގެ ހިތުން އެއްކޮށް އެ ދަސްކުރި ބައި ހަނދާން ނެތިގެން ދިޔައެވެ.

އަހަރެންގެ ހިތުދަސް ކުރުމުގެ ބާރު ދަށްވާން ފެއްޓިއެވެ. ކުރިން އަހަންނަކީ ކުލާހުގައި ތޫނިފިލި ކުއްޖެކެވެ. ނަމަވެސް އަހަންނަކީ ވިސްނުންކޮށި ކުއްޖަކަށް ބަދަލުވެގެން ދިޔައެވެ. އަހަރެންގެ ވިސްނުން ވެސް ތާކުން ތާކު ނުޖެހޭ މޮޔަ ވިސްނުމަކަށް ބަދަލު ވެގެންދިޔައެވެ.

އުމުރުން 30 އަހަރުގައި އަހަރެން ކައިވެނި ކުރީމެވެ. ކައިވެނީގެ ފަހުން ވެސް އަހަރެން އެ ފިލުމުތައް ބަލާ އަމިއްލަ އަށް ޖިންސީ އެދުން ފުއްދަމެވެ. މަޑުމަޑުން އަހަރެންގެ ފިރިހެން ވަންތަކަން ވެސް ގެއްލެމުން ދިޔައެވެ. އަދި އަހަރެންގެ ޖިންސީ ބާރު ދެ މިނެޓަށް ވެސް ނުހިފަހަށްޓަ އެވެ.

– އަހަރެންގެ އީމާންތެރިކަން މުޅިން ބަލިކަށިވެގެން ދިޔައެވެ. މާތް ﷲ އަށް އެއްވެސް ވަރަކަށް ބިރުވެތިއެއް ނުވެވެ އެވެ. ނަމާދުތައް ވެސް އަޅަމުން ދިޔައީމެވެ. ފާފަ އަކީ ވަރަށް އާދައިގެ ކަމަކަށް ގެންދިޔައެވެ.

ބުއްދި ހަމަނުޖެހޭ މީހެއްކަމަށް ބުނެ އެންމެ ފަހުން އަހަރެންގެ އަނބިމީހާ ވެސް އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އެއީ ތެދެއް ވެސް މެ އެވެ.

އޭގެ ފަހުން ވެސް އަހަރެން ހަމަ އެ ފިލުމުތަކަށް ދެވިހިފައިފައިވާ ދެވިހިފުމަކަށް ބަދަލެއް ނާދެ އެވެ. ވަރަށް ވަރަށް ގިނައިން އަހަރެން ތައުބާ ވެސް ވީމެވެ. ނަމަވެސް މަހެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ބަރަހަނާ ފިލްމުތަކަށް ދެވިހިފަ އެވެ.

ތިޔަ އެންމެހައި މުސްލިމުންނަށް އަހަރެންގެ މި ވާހަކަ މި ހިއްސާކޮށްލީ އަހަރެން ފަދައިން ބަރަހަނާ ފިލުމުތަކުގެ ޝިކާރައަކަށް ތިޔަ އަޚުންނާއި އުޚްތުން ވުމަށް އަހަރެން ނޭދޭތީ އެވެ. އަހަރެންގެ ހަޔާތުން ފާއިތުވެ ދިޔަ ކޮންމެ ސިކުންތަކަށް އަހަރެން ދެރަވެ ހިތާމަ ކުރަމެވެ. އަދި އަހަންނަށް އެ ބަރަހަނާ ފިލުމުތައް ތަޢާރަފުކޮށްދިން މީހާ އަށް އަހަރެން ދުވަހަކު ވެސް މާފެއް ނުކުރާނަމެވެ.

ތިބާ އަކީ ބަރަހަނާ ފިލުމު ބަލާ މީހެއް ކަމުގައި ވާނަމަ އަހަރެން އެދެނީ ތިބާ އެ ބެލުން ހުއްޓާލުމެވެ. އެހެން ނޫނީ އޭގެން ތިބާ އަށް ދޭ ގެއްލުމުން އަރައެއް ނުގަނެވޭނެ އެވެ. އަދި ތިބާ އަކީ ބަރަހަނާ ފިލުމުތައް ބަލާ މީހެއް ނޫން ކަމުގައި ވާ ނަމަ، އެ އެއްޗެހި ނުބަލާށެވެ! އެއީ މަސްތުވާތަކެއްޗަށް ވުރެން ވެސް ބޮޑަށް މީހާ ދެވިހިފާ އެއްޗެކެވެ. އެއީ އަހަރެން، މަސްތުވާތަކެއްޗާއި ސިނގިރޭޓު ފަސޭހަކަމާ އެކު ހުއްޓާލީމެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އަހަންނަށް ބަރަހަނާ ފިލުމުތައް ބެލުން ހުއްޓައެއް ނުލެވެ އެވެ. ތިބާ އަކީ މުސްލިމެއް ކަމުގައިވާ ނަމަ، އަދި މާތް ﷲ ވޮޑިގެންވާކަމަށް އީމާންވާކަމުގައި ވާނަމަ އަހަރެން މި މުސީބާތުން ސަލާމަތްކޮށް ދެއްވުމަށް އެދި ދުޢާކޮށް ދެއްވުން އަހަރެން ވަރަށް ބޮޑަށް އެދެމެވެ. ޔާ ﷲ މިއަޅާ އަކީ ރަނގަޅު މީހެއް ކަމުގައި ލައްވާނދޭވެ! ޔާ ﷲ މިއަޅާގެ ނަފްސު ޠާހިރު ކޮށްދެއްވާނދޭވެ!

މި ވާހަކަ ލިޔެ ނިމުނު އިރު ހުދު އަޅުގަނޑަށް ވެސް ރޮވުނެވެ. ޔާ ﷲ މިފަދަ ނުބައި ވަބާތަކުން އަޅަމެން އެންމެން ސަލާމަތްކޮށް ދެއްވާނދޭވެ!

ނޯޓް: މިއީ ޝައިޚް އަޙްމަދު ޙުސައިންގެ ލިޔުމެކެވެ.