އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންގެ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.
އުރީދޫން ބުނީ މި ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތުގެ ދަށުން އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް އެއްކުރި ކަމަށެވެ.
މި އަހަރުގެ ކަސްޓަމަރ ޑޭގެ ޝިއާރަކީ "ޑިޖިޓަލީ ޔުއަރސް: އެލިވޭޓިންގ ކަސްޓަމަރ އެކްސްޕީރިއަންސް" ކަމުގައި ވާއިރު، މި ހަރަކާތުގެ ދަށުން އުރީދޫގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުންނަށް ސީދާ ކަސްޓަމަރުންނާ މުޢާމަލާތުކޮށް، ކަސްޓަމަރުންގެ ބޭނުންތަކާއި، ދަތިތަކާއި، ލަފާތައް ދެނެގަތުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް އުރީދޫން ބުންޏެވެ.
"އަޅުގަނޑުމެންގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން. ކަސްޓަމާ ޑޭ އަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، ފަރުވާތެރިކަމާއެކު އަޑުއަހައި، އެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތްތައް ދެނެގަންނަ ދުވަހެކެވެ،" އުރީދޫން ބުންޏެވެ.
މި ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެނޭޖްމަންޓް އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ހަރަކާތުގެ ސަބަބުން އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދެ އެވެ.