Last Updated: July 4, 17:03
Saturday, July 4, 2026
ޚަބަރު

ވޯޓަކާ ނުލައި މީޑިއާ ކޮމިޝަނަށް 4 މެމްބަރަކު ހޮވިއްޖެ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބަށް ވޯޓަކާ ނުލައި ހަތަރު މެންބަރުން ހޮވިއްޖެ އެވެ.

ޖުމްލަ ހަތް މެންބަރުން ތިބޭ މި ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބުކުރާނީ ހަތަރު މެންބަރުންނެވެ. އޭގެ ތެރެއިން ދެ މެންބަރުންނަކީ އޮންލައިން މީޑިއާގެ ފަރާތުން އަދި އަނެއް ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އިންތިޚާބުކުރާ މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބުގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް މުއްދަތު ހަމަވި އިރު، އިންތިހާބަށް ކުރިމަތިލާފައިވާ ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ޝަރުތު ހަމަވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ދެ ކެންޑިޑޭޓުން ކަމަށެވެ.

އަދި، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ޝަރުތު ހަމަވާ ދެ ކެންޑިޑޭޓުން ކަމަށް އީސީން ބުންޏެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހޮވުނު މެންބަރުން:

1- އަބްދުލްއަޒީޒް އިބްރާހީމް، މޫނިމާގެ / ށ. ފޭދޫ
2- ޒަމްއަތު އަހުމަދު ވަހީދު، މަލަ / ގދ. ތިނަދޫ
3- ސިމާހާ ނަސީމް، ވެލީގެ / ގދ. ރަތަފަންދޫ
4- ހުސައިން ޘަގީފް، ހިސާން / ހދ. ވައިކަރަދޫ