Last Updated: July 4, 17:07
Saturday, July 4, 2026
ޚަބަރު

އެމްޑީޕީގެ ދާއިރާ ރައީސެއްގެ ފޯނު ހިފަހައްޓައިފި

އެމްޑީޕީ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)

ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނެ އެމްޑީޕީ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ހިފަހައްޓައިފި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ޒާޔާގެ ފޯނު ހިފެހެއްޓީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 23:08 ހާއިރު ފޭސްބުކްގައި ޒާޔާގެ އެކައުންޓުން ފުލުހުންނަށް އިންޒާރު ދީފައިވާ މައްސަލައަކާ ގުޅިގެންނެވެ. އޭނާގެ ފޯނު ހިފަހައްޓަނީ އެ މައްސަލައާ ގުޅިގެން ހެކި ހޯދަން ކަމަށް އަމުރުގައިވެ އެވެ.

އެ މައްސަލައިގެ ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށަހެޅީ އިންޓެލިޖެންސް ރިޕޯޓެކެވެ. މި އަމުރު ހިނގާނީ 72 ގަޑިއިރަށް ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ. މި މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ ވައްކަމުގެ މައްސަލަތައް ބަލާ ޑިޕާޓްމެންޓުން ކަމަށް އަމުރުގައިވެ އެވެ.

އެމްޑީޕީގެ ދާއިރާގެ ރައީސެއްގެ ފޯނު ހިފަހައްޓާފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން 6 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މުޒާހަރާއިން ހައްރުކޮށް ބަންދުގައި ތިބި މީހުން މިއަދު ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށަފައިފަ އެވެ. މި ހަޅުތާލު ފެށީ ބޭސްފަރުވާ ދިނުމާއި ތަހުގީގުގެ ކަންކަން ފުލުހުން ލަސްކުރަމުންދާތީ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.