އދ. މަހިބަދޫގައި 150 ހައުސިން ޔުނިޓާއި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަހިބަދޫގައި ހައުސިން ޔުނިޓް އެޅުމުގެ ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މަހިބަދޫގައި 150 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ހިމަނާނެ ކަމަށެވެ. އަދި އަންނަ އަހަރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެށޭ މަޝްރޫއުތަކުގެ ތެރޭގައި އެ މަޝްރޫއު ހިމަނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އޭރުން މި ރަށުގައި މިހާރު އޮތް ބިމުން ބޯހިޔާވަހިކަމަށް މިހާރުން މިހާރަށް އެ މަޝްރޫއު ނިމިގެން ދިޔުމުން އެ އަންނަނީ ކޮންމެވެސް ވަރެއްގެ ހައްލެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހައުސިން ޔުނިޓް މަޝްރޫއުގެ އިތުރުން އަންނަ އަހަރުގެ ކުރީކޮޅު މަހިބަދޫގައި 50 ހައުސިން ޔުނިޓްގެ މަޝްރޫއެއް ވެސް ފެށިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއު އަށް މިހާރުވެސް ބޭރު ގައުމެއްގެ ފަންޑެއްގެ އެހީ ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މަހިބަދޫ އިހުތިސާސްގައި އޮންނަ މާފަރު ފަޅު، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.