އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންނަކީ ކުރިން އެކަކު އަނެކަކަށް ވަރަށް ލޯތްބާއި ކުލުނަކާއެކީގައި އަޅާލި ބައެއް ކަމަށާއި ނަމަވެސް ސިޔާސީ އޮއިވަރާއެކު އިހުތިރާމް އަދާކުރުން ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ. އެކަން ބަދަލުކުރަން ބޭނުންވާ ކަމަށާއި ހުރިހާ ރައްޔިތުން ވެސް އެކަން އެގޮތަށް ބަދަލުވާން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން އަންނަ އަހަރުގެ ތެރޭގައި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް ސަރުކާރުން ބޭނުންވާ ކަމަށާއި މިއީ އަތް ނުލެވުނު ނަމަވެސް ބިޔަ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ. މި މަޝްރޫއުގައި ސިޔާސީ ޕާޓީތައް ހިމެނޭހެން ހުރިހާ ފަރާތްތަކަކުން ވެސް ބައިވެރިވުމަށް ރައީސް ގޮވާލެއްވި އެވެ.
"މިފަދަ ކެމްޕޭނެއް، ޕްރޮގްރާމެއް، މަޝްރޫއެއް ފަށާނަން. މިކަމުގައި އެހެން ނަމަވެސް ހަގީގީ ނަތީޖާ ނިކުންނާނީ އެންމެން އެކަމުގައި ބައިވެރިވެގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ރާއްޖެ ހަގީގީ މާނައިގައި ތަރައްގީ ވެގެންދާނީ މިގޮތަށް ވަށާޖެހޭ މަސައްކަތްތަކެއް ކުރެވުމުން ކަމަށާއި މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.