ޝަރުއީ ދާއިރާއަށް އަންނަ އަހަރު 660 މިލިއަން ރުފިޔާގެ ބަޖެޓް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު ޖުޑިޝަރީއަށްދޭ ބަޖެޓް ބޮޑުކުރައްވާނެ ކަމަށާއި އެގޮތުން މިއަހަރުގެ ބަޖެޓުގައި ޖުޑިޝަރީއަށް އޮތީ 560 މިލިއަން ރުފިޔާ ކަމަށްވާއިރު، އަންނަ އަހަރު އެ އަދަދު 660 މިލިއަން ރުފިޔާ އަށް އިތުރުވެގެންދާނެ ކަމަށެވެ.
"މި އަންނަ އަހަރު 660 މިލިއަން ބަޖެޓުގައި އޮންނާނެ، 100 މިލިއަން އިތުރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ޖުޑީޝަރީ އިންޑިޕެންޑެންޓުކޮށް، ފުރިހަމައަށް ފަންކްޝަން ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ އެމްޑީޕީ ސަރުކާރުން އޮތީ ޖޭއެސްސީގެ ތެރެއަށް ހުރިހާ ބާރެއް ގެންގޮސް ކޯޓުތަކުގައި ތަޅު އަޅުވާފައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކޯޓުތަކާ ބެހޭ ގާނޫނު އިސްލާހުކުރުމަށްފަހު، ކޯޓުތަކަށް ހަގީގަތުގައި ދޭންޖެހޭ ބާރުތައް ދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ މިހާރަކު އެއްވެސް ހުކުމެއް ކުރާކަށް، ނުކުރާކަށް ވެސް. އަޅުގަނޑުމެން މި ދަންނަވަނީ އިންސާފުވެރިކޮށް ކުރިއަށްގެންދާށޭ. އަދުލުވެރިކޮށް ކުރިއަށްގެންދާށޭ. ސަރުކާރުން ކަންކަން ފެސިލިޓޭޓްކޮށްދޭނަމޭ،" ރައީސް ވިދާޅުވި އެވެ.