ސިޓީއެއްގައި އޮވެގެން ފޭދޫ ރައްޔިތުންނަށް ވީ ކަމެއް ނެތް ކަމަށާއި ރަށު ކައުންސިލާއެކު ފޭދޫއަށް މާބޮޑަށް ފައިދާވާނެ ކަމަށް، ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ވަޒީރުންގެ މަޖިލީހުން ވަނީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް މި މަހުގެ ފަހުކޮޅު ނެގުމަށް ނިންމާފަ އެވެ. އަދި އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެ އެވެ.
މިކަމާ ގުޅޭގޮތުން "އެސްއެސްޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އައިބީ ވިދާޅުވީ ނަމެއްގައި ސިޓީއެއްގައި އޮންނަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ފޭދޫ ރައްޔިތުންނަށް ހުރިހާ ހިދުމަތެއް ފުރިހަމަ ކުރަން ފޭދޫއަށް ވަކި ބަޖެޓެއް ކަމަށެވެ. މިހާރު އައްޑޫ ސިޓީގެ ގޮތުގައި ލިބޭ ފައިސާ ބޭނުން ކުރަންވާ ގޮތް ނިންމަން ތިބެނީ ވަކި މެޖޯރިޓީއެއް އޮންނަ ވަކި ބައެއް ކަމަށާއި އެހެން މީހުންނަށް އެކަމުގައި ފުރުސަތެއް ނޯންނަ ކަމަށް އައިބީ ވިދާޅުވި އެވެ.
"އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ ރަށުގައި ބިން ދޭންވާ ގޮތް ވެސް އިނގެނީ އެހެން ބަޔަކަށް، ކާކަށްކަން ދޭންވީ ވެސް،" އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ މިހާރު އޮންނަ ގޮތުން ހުރިހާ ކައުންސިލަރުންގެ މެޖޯރިޓީ އޮންނަނީ މޭޔަރުގެ އަތް ދަށުގައި ކަމަށާއި ކަންކަން ނިންމާލަނީ ވެސް މޭޔަރު ބޭނުންވާ ގޮތަކަށް ކަމަށެވެ.
"ފޭދޫ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން މި ނިމެނީ. ދެން މި ބުނަނީ ފޭދޫ ދެ ކައުންސިލަރުން ތިބެއޭ. ފޭދޫގައި ތިބެނީ ދޭއް އަނެއްކޮޅުގައި ތިބެނީ ހަތެއް، ދެން ކިހިނެއް ހަދާނީ؟،" އައިބީ ވިދާޅުވި އެވެ.
އައިބީ ވަނީ ރަށު ކައުންސިލަކަށް ގޮސްގެން ފޭދޫ ރައްޔިތުންނަށް ދެރައެއް ނުލިބޭނެ ކަމަށާއި މިހާރަށް ވުރެ ބޮޑުތަނުން ރަނގަޅުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރަށު ކައުންސިލެއް އޮތަސް ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ފޭދޫ ރައްޔިތުންނަށް ވެސް ލިބޭނެ ކަމަށާއި މިކަން ބަޔަކު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް އައިބީ ވިދާޅުވި އެވެ.
"މި ދަންނަވާލަނީ ފޭދޫ ރައްޔިތުންނަށް ތިޔަ ބޭފުޅުންނަށް ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށޭ. ސިޓީއެއްގައި އޮވެގެން ވީކަމެއް ނެތޭ އަޅުގަނޑުމެންނަށް،" އައިބީ ވިދާޅުވި އެވެ.