Last Updated: July 4, 13:51
Saturday, July 4, 2026
ޚަބަރު

ފުލުހުން ހަދަނީ ދޮގު، ހައްޔަރީން ތިބީ ހަޅުތާލުގައި

މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލާފައިވާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގު ކަމަށް އެމްޑީޕީން ބުނެފި އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 8 މީހަކު މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއިރު، އޭގެތެރެއިން ދެ މީހަކު ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މުޒާހަރާއިން ހައްރުކޮށް ބަންދުގައި ތިބި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އިއްޔެ ފެށިއިރު، ފުލުހުން ރޭ ވަނީ މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ވަނީ އެމީހުން ރެއިން ފެށިގެން ކާން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ވަކީލު އަހުމަދު މައުރޫފް ވިދާޅުވީ ފުލުހުން ހަދަނީ ދޮގު ކަމަށާއި މުޒާހަރާގެ ހައްޔަރީން އަދިވެސް ތިބީ ހަޅުތާލުގައި ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތައް ފުލުހުން ފަތުރަނީ ހައްޔަރީންގެ ހިތްވަރު ބަލިކަށިކޮށްލުމުގެ ގޮތުން ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ.

މުޒާހަރާއިން ހައްޔަރުކޮށް ބަންދުކުރި މީހުން:

1- މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު (ބަންދަށް 15 ދުވަސް)
2- މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ (ބަންދަށް 15 ދުވަސް)
3- މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު (ބަންދަށް 15 ދުވަސް)
4- އަލީ ޖުމާން (ބަންދަށް 15 ދުވަސް)
5- އަޒީމް އަލީ (ބަންދަށް 15 ދުވަސް)
6- ހަސަން ޝާކިރު (ބަންދަށް 15 ދުވަސް)