Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

ހައްޖު ކޯޕަރޭޝަންގެ މާފުށީ ހޮޓާ އަލުން ބީލަމަށް

އިސްލާމިކް ޓޫރިޒަމްގެ ދަށުން ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ޓޫރިސްޓް ހޮޓާ މަޝްރޫއު އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނޔބް މި މަޝްރޫއު އެންމެ ފުރަތަމަ ބީލަމަށް ލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭރު ބީލަން ރަޖިސްޓްރީވާން ދިން މުއްދަތު އެ މަހުގެ 13 ހަމަވުމުން މުއްދަރު އެ މަހުގެ 26 އަށް އިތުރުކޮށް، ބީލަން ހުޅުވާ ތާރީހަކަށް ކަނޑައެޅީ މިދިޔަ މަހުގެ 25 އަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި މަޝްރޫއުގެ ބީލަން އަލުން ހުޅުވާލައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު މި މަހުގެ 14 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރޭޝަނަށް 30،000ރ. ނުވަތަ 2،000 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 800،000ރ. ބަހައްޓަން ޖެހެ އެވެ.

ބީލަން ހުޅުވަން މިހާރު ހަމަޖެހިފައި އޮތީ އަންނަ މަހުގެ 13 ގަ އެވެ.

މި މަޝްރޫއަކީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފެއްދި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އަދި މިކަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.

ހޮޓެލް އިމާރާތެއްގެ އިތުރުން މާފުށީގައި ސާވިސް އިމާރާތެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ.

ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރި އަށް ވަންނާތީ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ކުންފުނީގެ މަޝްރޫއު ހިންގަން ނިންމި މާފުއްޓަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް އެންމެ މަޝްހޫރު ރަށެވެ.