އައްޑޫގެ ބައެއް ރަށްތަކުގައި ރަށު ކައުންސިލް ހެދިޔަސް ސިޓީއެއްގެ ގޮތުގައި އައްޑޫ އޮންނާނެ ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބަލަން މި މަހުގެ ފަހުކޮޅު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމާފައިވާތީ އެކަމާ ގުޅިގެން މެންބަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސިޓީއެއްގެ ގޮތުގައި އައްޑޫ ދެމިއޮންނާނެ ކަމަށެވެ.
"ވޯޓުން އެއްވެސް އަވަށަކުން [ރަށަކުން] ސިޓީން ވަކިވާން ނިންމައިފި ނަމަ އެ އަވަށެއް [ރަށެއް] އައްޑޫ ސިޓީން ވަކިވެވޭނީ." ނީޒާރު ވިދާޅުވި އެވެ.
ރަށު ކައުންސިލްތައް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ މި މަހުގެ 24 އާއި 25 ގަ އެވެ. އެއީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެ ރަށްތަކުގައި ރަށު ކައުންސިލްތައް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫގެ ބައެއް ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާފައިވާތީ އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، މީދޫ އަދި ހުޅުދޫގެ މައްޗަށެވެ. އެގޮތުން ސިޓީ ކައުންސިލް އެކުލެވިގެން ވަނީ އާބާދީގެ ނިސްބަތަށް ބަލައި އެންމެ ކޮންމެ އަވަށަކުން ވެސް އިންތިހާބުކޮށްފައިވާ ކައުންސިލަރުންނާ އެކީގަ އެވެ.
އައްޑޫގައި ރަށު ކައުންސިލްތަކެއް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމުމުން މިކަމާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވެ އެވެ. އަދި އެފަދަ ވޯޓަކަށް ދާން ސަރުކާރުން ނިންމި ނިންމުން މޭޔަރު އަލީ ނިޒާރު ސިފަ ކުރައްވާފައި ވަނީ އައްޑޫ "ރޫޅާލައި" ބައިބައިކޮށްލަން ކުރާ ކަމެއްގެ ގޮތުގަ އެވެ.