އިކްއެޑޯގެ ރައީސް ޑެނިއަލް ނޮބޯއާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ސަރުކާރާ ދެކޮޅަށް އިދިކޮޅު ބޮޑު ޖަމާއަތަކުން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން، ގިނަ އަދަދެއްގެ ބަޔަކު ކާރަށް ގާ އުކި މައްސަލައިގެ ތަހުގީގުގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ފަސް މީހަކު ކަމަށް މީޑިއާތަކުން ބުންޏެވެ. އެގޮތުން އެ މީހުން ހައްޔަރުކުރީ ކާރަށް އަމާޒުވި ހަމަލާތަކުގެ ތެރޭގައި ކާރަށް ވަޒަންތަކެއް ވެސް ޖަހާފައިވާ ކަމަށް ތަހުގީގަށް ފާހަގަވުމާ ގުޅިގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ފުލުހުންނާ ހަވާލާދީ ސަރުކާރުން ބުނެފައި ވަނީ މުޒާހަރާގެ ތެރެއިން ރައީސް ކާރަށް ތިން ވަޒަން ފޮނުވާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެ ހާދިސާ ހިނގީ އދ އާއި އީޔޫ އާއި އިޓަލީގެ އިތުރުން ވެޓިކަންގެ ޑިޕްލޮމެޓުންތަކެއް ވެސް ހިމެނޭ ވަފުދަކާ އެކު ދަތުރު ކުރައްވަނިކޮށެވެ.
ނަމަވެސް ކާރަށް ދިން ހަމަލާއާ ގުޅިގެން ރައީސަށް އެެއްވެސް އަނިޔާވެފައެއް ނުވެ އެވެ.

ރައީސްގެ އޮފީހުން ބުނީ ކާރަށް ހަމަލާ ދިން މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ މައްޗަށް ޓެރަރިޒަމާއި ރައީސް އަވަހާރަކޮށްލަން އުޅުމުގެ ދައުވާ އުފުލާނެ ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ރައީސް ދަތުރު ކުރެއްވި މޮޓޯކޭޑަކަށް ބަޔަކު ހަމަލާ ދީފައިވެ އެވެ.
ސަރުކާރާ ދެކޮޅަށް އިކްއެޑޯގައި މުޒާހަރާ ކުރަމުން އަންނަނީ ސަރުކާރުގެ ތެލަށް ކުރާ ހަރަދުތައް ކުޑަކުރުމުގެ އިތުރަށް ޖުމްލަކޮށް، ސަރުކާރުން ހަރަދުތައް ކުޑަކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި ޑީސަލަށް ދެމުން އައި ސަބްސިޓީ ހުއްޓައިލަން ނިންމުމާ ގުޅިގެންނެވެ.
އިކްއެޑޯގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ޑީސަލަށް ދޭ ސަބްސިޑީ ކަނޑާލުމުން އަހަރަކު 1.1 ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ އެވެ. އަދި އެ ފައިސާ ދަނޑުވެރިންނާއި ދަތުރުފަތުރުގެ ސެކްޓާގެ ބޭނުންތަކަށް ހަރަދު ކުރެވޭނެ އެވެ.