މިނިސްޓަރުންނާއި ދައުލަތުގެ މުއައްސަސާތަކާއި އެހެން ތަންތަނުގެ ވެރިން ވެސް މާލީ ބަޔާން ހާމަކުރުމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފި އެވެ.
މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތް ހެދުމަށް އެމްޑީޕީން ހުށަހެޅާފައިވާ ބިލަށް ބަހުސްކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާވައި ވިދާޅުވީ، މާލީ ބަޔާންތައް ހާމަކުރުމުގެ ހިތްވަރު މަޖިލިސް މެންބަރުންގެ ގައިގައި ހުންނާނެ ކަމަށެވެ.
"އެހެން ނަމަވެސް، އިއްޒަތްތެރި ރައީސް. ވަޒީރުންނާއި މިނިވަން ކޮމިޝަންތަކާއި ކުންފުނިތަކުގެ ވެރިންނާއި، އަދި އެހެންމެ، ކަސްޓަމްސް، އަދި މިހެން ގޮސް ބޮޑެތި މުއައްސަސާތަކުގެ ވެރިންގެ މާލީ ބަޔާން ހާމަކޮށްލަން ކެރޭ ދުވަހަކީ އެއީ އިއްޒަތްތެރި ރައީސް، ރަނގަޅު ފާލެއްގެ ފެށުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ." ޝުޖާއު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މީގެ ތެރޭގައި ރައްޔިތުން ވެސް ހިމެނެން ޖެހޭ ކަމަށާއި އާމްދަނީ އާއި ނުބައްދަލު މިންވަރަކަށް އެކައުންޓުގައި ފައިސާ ދައުރުވާ ނަމަ އެ ކަންކަން ފްލެގް ވާން ޖެހޭނެ ކަމަށެވެ.
"ރައްޔިތުންނާއި ހަމައަށް ވެސް ނުހައްގު މުއްސަނދިކަމާއި މާލީ ބަޔާން ހުށަހެޅޭ ނިޒާމަށް އައީމަ މިގައުމު ދާނީ ވަރަށް ތާހީރު ރާއްޖެއެއްގެ ގޮތުގަ ވެގެން،" ޝުޖާއު ވިދާޅުވި އެވެ. "އިއްޒަތްތެރި ރައީސް އެހެން ނޫނިއްޔާ ވާނެ ގޮތަކީ ހަމައެކަނި އަޅުގަނޑުމެންގެ ބޮލުގަ ކޮރަޕްޝަނާއި ރައްޔިތުންގެ މަޖިލީހަކީ. މިހާރު ވެފަ އޮންނަނީ ކޮރަޕްޝަންގެ ހާއްޔަކަށްވެފައި."
އޭނަ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި މި ބިލު ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް ސިޔާސީ ފިކުރަށް ނުބަލައި ދައުލަތުގެ ވެރިންގެ މާލީ ބަޔާންތައް ހާމަކުރެވިގެން ނޫނީ ގައުމުގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިނިސްޓަރުގެ މާލީ ބަޔާން ވަކި މުއްދަތެއްގައި ހުށަހެޅުން ލާޒިމުކުރަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގައި ވަނީ ވެރިކަމަށް އަހަރު ފުރި ތިން މަހުގެ ތެރޭގައި މާލީ ބަޔާން އޮޑިޓާ ޖެނެރަލްގެ އޮފީހަށް މިނިސްޓަރު ހުށަހެޅުން ލާޒިމްކުރުމަށެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައިވާ ގޮތުން މިނިސްޓަރުން ވެސް މާލީ ބަޔާން ހާމަކުރަން ޖެހެ އެވެ. އެކަމަކު އެކަން ކުރަން ޖެހޭ ވަކި މުއްދަތެއް ނޯވެ އެވެ.