Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައްޑޫ ސިޓީ ރޫޅާލަން ދެވޭ ވޯޓަކީ ރައީސަށް ދެވޭ ވޯޓެއް

އައްޑޫގެ ބައެއް އަވަށްތަކުގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމުމަކީ އައްޑޫ ސިޓީ ރޫޅައިލަން ރައީސް ޑރ. މުއިއްޒަށް ދެވޭ ވޯޓެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އެ ނިންމެވުމަށް އަނެއްކާ ވެސް މިއަދު ފާޑު ވިދާޅުވެ އޭނަ ސޯޝަލް މީޑިއާގައި ވިދާޅުވީ އައްޑޫ ރޫޅާައުލަން ވޯޓު ނަގަން ނިންމެވީ ވެސް ރައީސް މުއިއްޒު ކަމަށެވެ.

މޭޔަރު ވިދާޅުވީ ސަރުކާރަށް ދެ އަހަރު ވެފައިވާ އިރު އައްޑޫގެ ތަރައްގީ އަށް ރައީސް ވެވަޑައިގެންނެވި ވައުދުތަށް ފުއްދަން ނުކުޅެދިފައިވާއިރު މިފަދަ ބޭކާރު ކަންކަމުގެ ތެރެއަށް ރައްޔިތުން ގެންދަނީ ރައްޔިތުން އޮޅުވާލައި ބައިބައި ކުރަން ކަމަށެވެ.

"[އަދި މިއީ] އައްޑޫ ބްރިޖްގެ ވައުދުގެ ވާހަކަ އަޅުގަޑުނމެން ހަދާން ނެތިއްޖެ ކަމަށް ހީފުޅުކުރަައްވައި [ކުރައްވަން އުޅޭ ކަމެއް.]" އޭނަ ވިދާޅުވި އެވެ.

ރަށު ކައުންސިލްތައް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ މި މަހުގެ 24 އާއި 25 ގަ އެވެ. އެއީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެ ރަށްތަކުގައި ރަށު ކައުންސިލްތައް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫގެ ބައެއް ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާފައިވާތީ އެވެ.

މި ވޯޓާ ގުޅޭ ގޮތުން ރައީސް ވިދާޅުވެފައި ވަނީ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށާއި ސަރުކާރުން އިހުތިޔާރު ކުރާ ވަކި ނަތީޖާއެއް ވެސް ނެތް ކަމަށެވެ.

"ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ." ރައީސް ވިދާޅުވެފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، މީދޫ އަދި ހުޅުދޫގެ މައްޗަށެވެ. އެގޮތުން ސިޓީ ކައުންސިލް އެކުލެވިގެން ވަނީ އާބާދީގެ ނިސްބަތަށް ބަލައ ކޮންމެ އަވަށަކުން ވެސް އިންތިހާބުކޮށްފައިވާ ކައުންސިލަރުންނާ އެކީގަ އެވެ.

އައްޑޫގައި ރަށު ކައުންސިލްތަކެއް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމުމުން މިކަމާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވެ އެވެ.