އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ހިޔާލު ހޯދުމުގެ ވޯޓު މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީން މިއަދު ބުނީ އައްޑޫ ސިޓީ ކައުންސިލަށް ބަދަލު ގެނައުމުގެ އިއުލާނާ އެކު އާންމުކޮށްފައިވާ ރައީސްގެ ގަރާރުގައި ހިމަނުއްވާފައިވާ ސުވާލުތަކާ މެދު ހުޅުދު އާއި މީދު އާއި ފޭދޫ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ބާއްވާ ހިޔާލު ހޯދުމުގެ ވޯޓު ނެގުން ކުރިއަށް ދާނީ މިމަހުގެ 25ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެެވެ.
ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނާނެ ކަމަށާއި އެކަމަކު ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އާދިއްތަ ދުވަހު ކަމަށްވެސް އީސީން ބުންޏެެވެ.
މި ވޯޓުގައި ވަކި ނަތީޖާއެއް ނެރުމަށް ސަރުކާރުގެ ވަކި "ސްޓޭންޑެއް" ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.