ވަކި ކައުންސިލެއްގެ ގޮތުގައި އޮތުމުން ފޭދޫއަށް ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށް، ފޭދޫ މާދަލެ ދާއިރާގެ ޕީއެންސީ ކައުންސިލަރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ވަޒީރުންގެ މަޖިލީހުން ވަނީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމާފަ އެވެ. އަދި އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެ އެވެ.
މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
އައްޑޫ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ ވަކި ކައުންސިލެއްގެ ގޮތުގައި އޮތުމަކީ ޖުމްލަ ގޮތެއްގައި ފޭދޫ ރައްޔިތުންނަށް ގެއްލުން ބޮޑުވާނެ ކަމެއް ކަމަށެވެ.
"ވަކި ކައުންސިލެއްގެ ގޮތުގައި އޮތުމުން ޖުމްލަކޮށް ފޭދޫ ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެ،" ފައިސަލް ވިދާޅުވި އެވެ.
ކައުންސިލަރު ފައިސަލް މިހެން ވިދާޅުވިއިރު، ސިޓީއެއްގައި އޮވެގެން ފޭދޫ ރައްޔިތުންނަށް ވީ ކަމެއް ނެތް ކަމަށާއި ރަށު ކައުންސިލާއެކު ފޭދޫއަށް މާބޮޑަށް ފައިދާވާނެ ކަމަށް، ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ފޭދޫ ރައްޔިތުންނަށް ހުރިހާ ހިދުމަތެއް ފުރިހަމަ ކުރަން ފޭދޫއަށް ވަކި ބަޖެޓެއް ބޭނުންވާ ކަމަށާއި މިހާރު އައްޑޫ ސިޓީގެ ގޮތުގައި ލިބޭ ފައިސާ ބޭނުން ކުރަންވާ ގޮތް ނިންމަން ތިބެނީ ވަކި މެޖޯރިޓީއެއް އޮންނަ ވަކި ބައެއް ކަމަށް އައިބީ ވިދާޅުވި އެވެ.
މި ވޯޓާއި ގުޅޭގޮތުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ސަރުކާރަށް ދެ އަހަރު ވެފައިވާ އިރު އައްޑޫގެ ތަރައްގީ އަށް ރައީސް ވެވަޑައިގެންނެވި ވައުދުތަށް ފުއްދަން ނުކުޅެދިފައިވާއިރު މިފަދަ ބޭކާރު ކަންކަމުގެ ތެރެއަށް ރައްޔިތުން ގެންދަނީ ރައްޔިތުން އޮޅުވާލައި ބައިބައި ކުރަން ކަމަށް ވިދާޅުވެފަ އެވެ.