ކުރީގެ ސަރުކާރުން އިޢުލާންކުރި ގެދޮރުވެރިޔާ ސްކީމަށް ޝަރުޠު ހަމަވެ، ފްލެޓް ލިބި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނިކޮށް، އެ ސްކީމަށް ޝަރުޠު ހަމަނުވާ ކަމަށް މި ސަރުކާރުން އަންގަމުންދަނީ ގާނޫނާ ހިލާފަށް ކަމަށް ފަހި ޔޫނިއަނުން ބުނެފި އެވެ.
އެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނިމިދިޔަ ސަރުކާރުން އިޢުލާންކުރި ގެދޮރުވެރިޔާ ސްކީމަށް ޝަރުޠު ހަމަވެ، ފްލެޓް ލިބި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނިކޮށް، ސަރުކާރު ބަދަލުވުމާ ގުޅިގެން ދައުލަތުގެ އިދާރީ ހިންގުމަށް އައި ބަދަލާއެކު ގެދޮރުވެރިޔާ ސްކީމަށް ޝަރުޠު ހަމަނުވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ނިންމައި، ފްލެޓް ލިބުނު ގިނަ ޢަދަދެއްގެ ބަޔަކަށް އެކަން ލިޔުމުން އަންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގިނަ ޢަދަދެއްގެ ބަޔަކު އެ ސްކީމަށް ޝަރުޠު ހަމަވެ، އަދި ފްލެޓް ލިބޭ ފަރާތެއްކަމަށް ނިންމައި، ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި ނަމަވެސް އެ އެއްބަސްވުން ބާޠިލު ކުރުމެއް ނެތި، އަދި އެއްބަސްވުގެ ބައިވެރީންގެ ރުހުމެއްނެތި ކުރީ ސަރުކާރުން ޝަރުޠު ހަމަވި ކަމަށް ނިންމި ގިނަ ބަޔަކު މި ސަރުކާރުން ޝަރުޠު ހަމަނުވާކަމަށް ބަލާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އަސާސްތަކާ ހިލާފަށް އެ ބަޔާނުގައިވެ އެވެ.
ފަހު ޔޫނިއަން އިން ބުނީ ޤާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ބަޔާންކޮށްފައިވާ މާއްދާއާއި، ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގައި މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށް މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެ ކަމާއި، އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާއިރު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގިނަ ބަޔަކަށް ލިބިފައިވާ ފްލެޓްތައް އެފަރާތްތަކުގެ ކިބައިން ނިގުޅައިގެންފައި ވަނީ ދެންނެވުނު ދުސްތޫރީ ހަމަތަކާ ޚިލާފަށް ކަމަށް ޤަބޫލު ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
"ސަރުކާރު ބަދަލުވުމާ ގުޅިގެން ދައުލަތުގެ އިދާރީ ހިންގުމަށް އައި ބަދަލާއެކު ގެދޮރުވެރިޔާ ސްކީމަށް ގިނަ ބަޔަކު ޝަރުޠު ހަމަނުވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރެކްޗަރއިން ނިންމައި، ހިނގަމުން މިދާ ސަރުކާރުގައި އެ ސްކީމުގެ ޝަރުޠުތައް ބަދަލުކޮށް ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުންގެ ޙައްޤު ގެއްލުވާލާފައިވާ ކަމަށް ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން ފްލެޓްތަކުގެ ޙައްޤުވެރިންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤު ހޯދުމަށް ކޯޓުގައި ދަޢުވާކުރުން ނޫން ގޮތެއް ނެތުމުން، އެކަމުގެ ނޯޓިސް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރެކްޗަރ އާއި، އެވުޒާރާގެ ވަޒީރަށް ޙައްޤު ގެއްލިފައިވާ ފަރާތްތަކުން ނޯޓިސްދީ އެކަން އަންގަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.