އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އައިޝަތު ޝިމަން އަހުމަދުގެ ފޯނު ފުލުހުން މިރޭ ހިފަހައްޓައިފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ޝިމަންގެ ފޯނު ހިފެހެއްޓީ މިދިޔަ މަހުގެ 20 ދުވަހުގެ މެންދުރު 14:30 ހާއިރު އެކްސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން ކޮމެންޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސައާ ގުޅިގެންނެވެ. އޭނާގެ ފޯނު ހިފަހައްޓަނީ އެ މައްސަލައާ ގުޅިގެން ހެކި ހޯދަން ކަމަށް އަމުރުގައިވެ އެވެ.
އެ މައްސަލައިގެ ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށަހެޅީ އިންޓެލިޖެންސް ރިޕޯޓަކާއި ޝިމަންގެ އެކައުންޓުން ކޮށްފައިވާ ކޮމެންޓެވެ.
ޖެހިޖެހިގެން ދެވަނަ ރޭ،މި ޕާޓީގެ އަންހެން މެމްބަރަކަށް ފުރައްސާރަކުރުމުގެ ގޮތުން ބާތިލު އަމުރެއް ނެރެ @dh0nkeyoގެ ފޯނު ހިފަހަށްޓައިފި.މި ޢައިރު ގާނޫނީ އަމުރު ބާތިލުކޮށް،ސިޔާސީ އަދި މިނިވަން ހިޔާލުފާޅުކުރުމަށް ތަންދީ އަންހެނުންނަށް މިކުރާ ފުރައްސާރަ ހުއްޓާލުމަށް ގޮވާލަން. pic.twitter.com/scOSphZvE5
— MDP Womens Wing (@MDPWomensWing) October 8, 2025
އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނީ މި އަމުރު ނެރުނީ ފުރައްސާރަކުރުމުގެ ގޮތުން ކަމަށާއި މި ޣައިރު ގާނޫނީ އަމުރު ބާތިލުކޮށް، ސިޔާސީ އަދި މިނިވަން ހިޔާލުފާޅުކުރުމަށް ތަންދީ، އަންހެނުންނަށް ކުރާ ފުރައްސާރަ ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ޝިމަންގެ ފޯނު ހިފަހައްޓާފައިވާއިރު، ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނެ އެމްޑީޕީ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ވެސް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.