Last Updated: July 4, 11:04
Saturday, July 4, 2026
ދުނިޔެ

ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އެއްބަސްވެއްޖެ

ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގެ ފުރަތަމަ މަރުހަލާއަށް ހަމާސް އާއި އިޒްރޭލުން އެއްބަސްވެއްޖެ އެވެ.

ފުރަތަމަ މަރުހަލާގެ ތެރެއިން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރަން ހަމަޖެހިފައިވާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް މީހުން ވެސް މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ގާޒާގައި ތިބި އިޒްރޭލުގެ ސިފައިން ދެ ފަރާތުން ވެސް އެއްބަސްވާ ހިސާބަކަށް ފަހަތަށް ޖެހުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ހަމާސް އިން ނެރުނު ބަޔާނެއްގައި ވަނީ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަ ކުރުމަށް އިޒްރޭލަށް ބާރުއެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އަރަބި ގައުމުތަކަށް ގޮވާލާފަ އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ފަލަސްތީނުގެ އޮފިޝަލަކު "ބީބީސީ"އާ ވާހަކަދައްކަމުން ވިދާޅުވީ އިޒްރޭލުގެ ކެބިނެޓުން މި އެއްބަސްވުމަށް ރުހުން ދިނުމާއެކު އެއަށް އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި ފުރަތަމަ ފަސް ދުވަހު ގާޒާއަށް އެހީގެ ތަކެތީގެ 400 ޓްރަކު ވެއްދުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މި އަދަދު ފަހުން އިތުރުވެގެންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވި އިރު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ މި ހަމަލާތަކަށް ދެ އަހަރު ވެފަ އެވެ.

އިޒްރޭލުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު، އެ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން ވަނީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.