އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސލް ހަދަން ފެނޭތޯ ބަލަން މި މަހު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ޖުމްލަ 18 ވޯޓުފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މި ވޯޓް ނަގަނީ ފޭދޫގެ އިތުރުން އައްޑޫގައި މީހުން ވަކިން ދިރިއުޅޭ ދެ ރަށް ކަމަށްވާ މީދު އާއި ހުޅުދޫގަ އެވެެ. އެގޮތުން ފެންނަ ނުފެންނަ ވޯޓް ނަގަން ނިންމާފައި ވަނީ މި މަހުގެ 25 ގަ އެވެ.
އީސީން ބުނީ މި ވޯޓަށް ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 އަދި މީދޫގައި ވެސް 3 ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު، މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެ ރަށްރަށަށް ނިސްބަތްވާ މީހުން ވޯޓްލާން މާލޭގެ އެއް ތަނެއްގައި 7 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އެއީ ފޭދޫ ރައްޔިތުން ވޯޓުލާން 3 ފޮއްޓާއި ހުޅުދޫ ރައްޔިތުން ވޯޓުލާން ބަހައްޓާ 3 ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން ބަހައްޓާ 1 ފޮށްޓެކެވެ.
އީސީން ބުނީ މި ވޯޓުލުން ވެސް ކުރިއަށް ގެންދާނީ އެހެން އިންތިހާބުތަކުގައި ވެސް ކުރިއަށް ގެންދާ ހުރިހާ މަރުހަލާތަކެއް ވެސް ފުރިހަމަކޮށްގެން ކަމަށެވެ.

ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ 25 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މިހާރު އައްޑޫގެ ހުރިހާ ރަށްތަކެއް (އަވަށްތަކެއް) ތަމްސީލުވާ ގޮތަށް ސިޓީ ކައުންސިލެއް އޮންނަ އިރު، އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ ތިން ރަށުގެ ރައްޔިތުން އެކަމަށް އެދިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާވުވުންތަކާއި ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.