Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

2021 ގެ ސުކޫކަށް 24.6 މިލިއަން ޑޮލަރު ދައްކައިފި

ކުރީގެ ސަރުކާރުން 2021 ގައި ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ މި މަހުގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހު އެވެ. ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރިލަށެވެ.

ސްކޫކަށް އަނބުރާ ފައިސާ ދެއްކުމުގެ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުން އެންމެ ފަހުގެ ކޫޕަން ފައިސާގެ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އޭޕްރިލް 2026 ގައި މުއްދަތު ހަމަވާއިރު ދައްކައި ނިންމާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މި މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ދެއްކުމުން ދައްކުވައި ދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުން އަންނަ މަސައްކަތާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ އެސެޓްލްމަންޓަށް ތައްޔާރުވަމުން އަންނަ އިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ވެސް ފިނޭންސް އިން ބުންޏެވެ.