Last Updated: June 8, 19:00
Monday, June 8, 2026
މުނިފޫހިފިލުވުން

ފަވާދާއި މާހިރާގެ "ނީލޯފަރު" އަންނަ މަހު

ޕާކިސްތާންގެ މަގުބޫލު ސްކްރީން ޖޯޑު، ފަވާދު ޚާނާއި މާހިރާ ޚާންގެ އާ ފިލްމު "ނީލޯފަރު" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އަންނަ މަހުގެ 28 ގައި ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ މި ލޯބީގެ ފިލްމުގައި މާހިރާ ޓައިޓްލް ރޯލު ކުޅެފައިވާ އިރު، އޭނަ ފެންނާނީ ލޯފަން ކެރެކްޓާއަކުންނެވެ. ފަވާދުގެ ކެރެކްޓާ އަކީ މަންސޫރް އަލީ ޚާން ކިޔާ ލިޔުންތެރިއެއްގެ ރޯލެވެ.

"ނީލޯފަރު" އަކީ އައްމާރް ރަސޫލް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މީގެ ކާސްޓުން މަދީހާ އިމާމް، ސާމިޔާ މުމްތާޒް، ފައިސަލް ގްރޭޝީ، ބެހެރޯޒް ސަބްޒްވާރީ، ރާޝިދު ފާރޫގީ، އަތީގާ، އޮދޯ، ގޯހަރް ރަޝީދު އަދި ނާވިދު ޝަހްޒާދު ވެސް ފެންނާނެ އެވެ.

ދެހާސް ވިހީގައި އިއުލާންކުރި "ނީލޯފަރު" އަންނަ މަހު ސިނަމާތަކަށް ދޫކޮށްލާ އިރު، ފަވާދާއި މާހިރާ އެންމެ ފަހުން އެކީގައި ފެނިފައި ވަނީ 2022 ގެ "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އިންނެވެ. އަދި "ނީލޯފަރު" އަކީ މި ދެ ތަރިން އެކީގައި މަސައްކަތްކުރި ތިން ވަނަ ޕްރޮޖެކްޓެކެވެ.

އާންމުންގެ މެދުގައި ވަރަށް މަގުބޫލު ސްކްރީން ޖޯޑަކަށް ފަވާދާއި މާހިރާވެގެން ދިޔައީ ހަމް ޓީވީން 2011-2012 އަށް ގެނެސްދިން މަޝްހޫރު ސިލްސިލާ "ހަމްސަފަރު" އިންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި ދެ ތަރިން ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅެފައިވާކަމެވެ. "ހޫބްސޫރަތު" އާއި "ކަޕޫރް އެންޑް ސަންސް" އަދި "އޭ ދިލް ހެ މުޝްކިލް" ކުޅުނު ފަވާދުގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "އަބީރް ގުލާލް" އެވެ.

މާހިރާގެ ހަމައެކަނި ބޮލީވުޑް ފިލްމަކީ ޝާހްރުކް ޚާނާ އެކު ކުޅުނު 2016 ގެ "ރައީސް" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖޫންގައި ރިލީޒްކުރި އެކްޓަރު ހުމާޔަން ސައީދުގެ ރޮމޭންޓިކް ކޮމެޑީ "ލަވް ގްރޫ" އެވެ.

"ނީލޯފަރު" ގެ ޕޯސްޓަރު ދައްކައިލުމާ އެކު، ގިނަ ބަޔަކު އަންނަނީ މީގެ ޓްރެއިލާ އަށް އިންތިޒާރު ކުރަމުންނެވެ.