Last Updated: June 8, 19:00
Monday, June 8, 2026
ދުނިޔެ

މުމްބާއީ އަށް ދެވަނަ އިންޓަނޭޝަނަލް އެއާޕޯޓެއް

އިންޑިއާގެ މުމްބާއީގެ ދެވަނަ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވައިފި އެވެ.

ނަވީ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް (އެންއެމްއައިއޭ) އެއާޕޯޓް ރަސްމީކޮށް ހުޅުވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

އެ ރަސްމިއްޔާތުގައި މޯދީ ވިދާޅުވީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގެ ދެވަނަ އެއާޕޯޓަކީ އެ ގައުމުގައި މިހާތަނަށް ހިންގި އެންމެ ވަރުގަދަ އެއް އިންފްރާންސްޓްރަކްޗާ މަޝްރޫއު ކަމަށާއި މި އެއާޕޯޓަކީ އޭޝިއާގެ އެންމެ ބޮޑު ކަނެކްޓިވިޓީ ހަބަށް ވާނެ ކަމަށެވެ.

މޯދީ ވިދާޅުވީ މުމްބާއީގެ އާ އެއާޕޯޓަކީ އިންޑިއާގެ އޭވިއޭޝަން ދާއިރާ އަށް އިންގިލާބީ ކުރިއެރުންތަކެއް ވެސް ގެނެސްދޭނެ ތަނެއް ކަމަށާއި މީގެ ސަބަބުން ގައުމުގެ އިގުތިސާދަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

އެންއެމްއައިއޭ އަކީ އެންމެ ޒަމާނީ ވަސީލްތަކާ އެކު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވަރަށް ވެސް ހިތްގައިމު އެއާޕޯޓެކެވެ. މި އެއާޕޯޓް ތަރައްގީކުރީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) ގެ ދަށުން މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް އެމްއައިއޭއެލް) އިންނެވެ.

އެ ކުންފުންޏަކީ މަޝްހޫރު މަހުޖަނު ގޯތަމް އަދާނީގެ އަދާނީ ގްރޫޕްގެ އަދާނީ އެއާޕޯޓްސް ހޯލްޑިން ލިމިޓެޑް (އޭއޭއެޗްއެލް) އާއި އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކޯ) ގެ ސަބްސިޑަރީއެކެވެ.