އިސްލާމިކް މިނިސްޓްރީގެ މަގާމުތަކުގައި ތިބޭ މީހުންނަށް އުމްރާ ކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވޭ ގޮތަށް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް ހާމައެއް ނުކުރައްވަ އެވެ.
ޝަހީމު ވިދާޅުވީ އިސްލާމިކް މިނިސްޓްރި އަކީ ރާއްޖޭގެ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރާ ތަނަށްވާތީ އެތަނުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އަމިއްލަ އުމްރާ ކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވޭ ގޮތަށް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މީހުން އުމްރާ އަށް ގެންދާ ގިނަ އަދަދެއްގެ ކުންފުނި ނުވަތަ ގްރޫޕްތައް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އެގޮތުން މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ އަދަދު 60 އާ ގާތްކުރެ އެވެ.
އުމްރާ އަށް މީހުން ގެންދާ ބައެއް ކުންފުނިތަކުން ފައިސާ ދައްކާ މީހުންނަށް އޮޅުވާލުމާއި އުމްރާ އަށް ގެންގޮސް އިހުމާލުން ފަދަ މައްސަލަތައް މި ފަހުން ފެންމަތިވެފައިވެ އެވެ. އެހެންވެ އުސޫލުތަކާ ހިލާފުވުމާ ގުޅިގެން 19 ކުންފުންޏެއް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.
ހުއްދަ ނެތި ބައެއް ކުންފުނިތަކުން މީހުން އުމްރާ ގެންދާ މައްސަލަަކެއް ވެސް މި ފަހުން ސަމާލު ކަމަށް އައިސްފައިވެ އެވެ.